މީޑިއާތަކުގެ ފަލަ ސުރުޚީން ދިން ހިތާމަވެރި ޚަަބަރު މުޅި ގައުމު ފެންކަޅިކޮށްލައިފިއެވެ.
ކޯވިޑް-19 ރޯގާ ފެތުރެން ފެށި ފަހުން، މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާގެ ވާހަކައިންނެވެ. ހދ. ކުޅުދުއްފުށި, ލާޖަހާގޭ އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު މި ފަނާކުރުވަނިވި ދުނިޔެއާ އަބަދަށްޓަކައި ވަކިވެ މާތް ﷲގެ ތަނަވަސް ރަޙުމަތްފުޅަށް އެ ދިޔައީ މުޅި ދިވެހި ގައުމު ރޮއްވާފައެވެ. އެތައް ހިތްދަތި ހަނދާނެއް ދޫކޮށްފައެވެ.
ނަފްސާނީ މައްސަލައެއް ހުރުން ފިޔަވައި، މިޝްކާގެ އެއްވެސް މައްސަލައެއް ނެތް!
ނަފްސާނީ ގޮތުން ހުރި މައްސަލަ ފިޔަވާ އިތުރު އެއްވެސް ކަމަކަށް ފަރުވާ ކުރަމުން ގެންދާ ކުއްޖެއް ނޫނެވެ. އޭނާ ކިޔަވަމުން ދިޔައީ އިމާދުއްދީން ސްކޫލްގެ ސެން ކިލާހުގައެވެ. އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުރި ނަމަވެސް, މިޝްކާއަކީ ސިއްޙަތު ސަލާމަތުން ހުރި ކުއްޖެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރި ބަސް އަހައި ރަނގަޅު ކުއްޖެކެވެ. އެކަން އޭނާ ތައުލީމު ހާސިލު ކުރަމުން ދިޔަ އިމާދުއްދީން ސްކޫލުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް ހިންގާ ޖުވެލް ސެންޓަރުން ވެސް ފާހަގަކުރެއެވެ. އޭނާއަކީ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުރެހުމުގެ ހުނަރު ލިބިފައިވާ މޮޅު ކުރެހުންތެރިއެއް ވެސް މެއެވެ.
މިޝްކާ ކޯވިޑް-19އަށް ފައްސިވުން!
ތުއްތު މިޝްކާ ކޯވިޑް-19 ރޯގާއަށް ފައްސިވީ ފާއިތުވި މެއި މަހުގެ 25 ވަނަ ދުވަހުއެވެ. ބަލީގައި ފުރަތަމަ 7 ދުވަސް ވެގެން ދިޔައިރު ވެސް މިޝްކާގެ ހާލު ގޯހެއް ނުވެއެވެ. އާއިލާ އިން ބުނެފައިވާ ގޮތުގައި މިިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރެޔާ ހަމައަށް ވެސް މިޝްކާގެ ހާލު ރަނގަޅު ކަމަށެވެ. މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުންނެވެ.
ހޮސްޕިޓަލަށް ގެންދިއުމަށް ފުރަތަމަ ކުރީ އިންކާރު!
މީސްމީޑިއާގައި އާއިލާއިން ހާމަކުރި ގޮތުގައި, މިޝްކާގެ ހާލު ގޯސްވާން ފެށުމުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. އެކަމަކު މިޝްކާއަކީ ކޯވިޑް-19 ރޯގާއަށް ފައްސިވެފައި ވާ ކުއްޖެއްކަމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރީއެވެ. ހާސްވެފައި ތިބިވަވަރުން، އެ ތުއްތު ދަރިފުޅުގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި ކޯވިޑް-19 ހޮޓްލައިން އަށް ގުޅަމުންނެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށް އާއިލާއިން ބުނެއެވެ. ހަމަ ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.
ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް މައުސޫމް މިޝްކާގެ ހާލު ދިޔައީ ދެރަވަމުންނެވެ. އެންމެ ފަހުން މިޝްކާ އަނބުރައިގަނެ އަނގައިންނާއި ނޭފަތުން ލޭ އަންނަ ހިސާބަށް ވެސް ދިޔައީއެވެ. އެމްބިއުލޭންސް އައުމުގެ ކުރިން މިޝްކާ ގޮވައިގެން ހޮސްޕިޓަލަށް ނުދެވުނީ މިޝްކާގެ މަންމަ އާއި ބައްޕަ ވެސް ފައްސިވެފައި ވުމުގެ ސަބަބުންނާއި މަންމަގެ ހާލު ވެސް ރަނގަޅު ނޫން ވީމާ ކަމަށެވެ.
އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި، 2 ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ވާކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. މިޝްކާގެ އާއިލާއިން ބުނި ގޮތުގައި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗް ގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު މާ ބޮޑަށް ލަސްވެއްޖެއެވެ. ރެސްޕޮންޑްނުކޮށް ގިނަ އިރު ވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައެވެ. ސީޕީއާރް ދިނުމަށް ފަހު މިޝްކާ ދެން ލެވުނީ ވެންޓިލޭޓަރަށެވެ. އެގޮތުގައި ވެންޓިލޭޓަރުގައި އޮވެ 24 ގަޑި އިރުފަހުން, މިޝްކާ ނިޔާވީ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 ގައި ކަމަށް މައުލޫމާތު ލިބެއެވެ.
ސިއްހަތާ ބެހޭ ވަޒީރު އެދިވަޑައިގެންނެވީ މައާފަށް!
އިހުމާލެކެވެ. އިންކާރުކުރެވެން ނެތެވެ. ހެދޭނެ ދޮގެއް ވެސް ނެތެވެ. ދައްކާނެ ބަހަނާއެއް ވެސް ހަމަ ނެތެވެ. އެދެން މަޖުބޫރުވުމުން ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު އެދުނީ މައާފަށެވެ. މިނިސްޓަރު އަހުމަދު ނަސީމު ވަނީ ފޯނުން ގުޅުއްްވާފައި އެކަމަށް މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. ކޯވިޑް-19 ޖެހިގެން ގިނަ ބަަޔަކު ނިޔާވަމުން އަންނަ އިރު، ގިނަ އާއިލާތަކަކުން ދަނީ މިފަދަ އިހުމާލުތަކުގެ މައްސަލަ ފެންމަތިކުރަމުންނެވެ. އެކަމަކު މި ފަދަ މައްސަލައެއްގައި މިނިސްޓަރު މައާފަށް އެދުނު މިއީ ފުރަތަމަ ފަހަރެވެ. ފަހަރުގައި ކުރިން ހިނގި އެއްވެސް ކަމެއް އެމަނިކުފާނަށް އެނގިލައްވާފައި ނެތީ ކަމަށް ވެދާނެއެވެ.
ކުޑަ އަންހެން ކުއްޖާއަށް ފަރުވާދޭން ހޮސްޕިޓަލުން އެމްބިއުލޭންސް ދިޔަ ގޮތް ލަސްވި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ކުރި ޓްވީޓްގައި ބުނީ އެމްބިއުލޭންސް ފޮނުވުމުގައި ލަސްތަކެއްވި ފޭދަނައެއް ފެންމަތިވެފައިވާ ކަމަށާއި، އެ ވޭދަނައަށް ރިއާޔަތްކޮށް އެމްބިއުލާންސް ފޮނުވުމުގައި ބަލާ އުސޫލުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. ތެދެކެވެ. އުސޫލު ބަދަލު ކޮށްފިއެވެ. އެކަމަކު މައާފަކުން އަދި އެ އުސޫލަކުން މައުސޫމް ފުރާނަ އަނބުރާ ލިބޭނެ ހެއްޔެވެ؟
"ސޮރީ"އަކުން ކެއްކޭނެ ރިހައެއް ނޯންނާނެ!
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތަކީ މިއެވެ. އިހުމާލަކަށް ފަހު އިހުމާލެކެވެ. އަބަދު ވެސް އިވެނީ މައްސަލަ ބަލާނެ ވާހަކައެވެ. ފިޔަވަޅު އަޅާނެ ވާހަކައެވެ. ކިޔަނީ އެއް ފަރިއްސެކެވެ. މައާފަށް އެދޭ ވާހަކައެވެ. މައްސަލަ ބަލާނެ ވާހަކަ އެވެ. އެކަމަކު ދުވަހަކު ވެސް މައްސަލައެއް ބެލޭ ތަނެއް ނާދެއެވެ. ކަމެއް ރަނގަޅު ނުކުރެވެއެވެ. ދެން އޮތީ އަވަސް ފަރުވާ އެވެ. އެ ބުނާ އަވަސް ފަރުވާ ލިބެނީ ވަކި ބަޔަކަށެވެ. ބޮޑުންނަށާއި އެ މީސްމީހުންގެ މީހުންނަށެވެ. ހަމަ ގައިމު ވެސް ނިކަމެތި ރައްޔިތު މީހާއާ ހަަމައިން ބުނެލަނީ "ސޮރީ" އެވެ. އެ ނިމުނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް