ފުލުހުން މަނާ ކުރިޔަސް ހޮންކޮންގައި ޓީއާނަންމަން ހާދިސާގެ ހަނދާން އާ ކުރުމަށް ހަރަކާތްތަކެއް ބާއްވާނެ

ހޮންކޮންގގައި ބާއްވާ ޓީއާނަންމަން ހަރަކާތްތައް ދެވަނަ ފަހަރަށް މަނާ ކުރުމާއި އެކުވެސް، ހޮންކޮންގ ގެ ރައްޔިތުން މި ހަރަކާތްތައް ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން މިކަން މަނާ ކޮށްފައި ވަނީ، ކ...

02 Jun 2021 | 09:25

ހޮންކޮންގގައި ބާއްވާ ޓީއާނަންމަން ހަރަކާތްތައް ދެވަނަ ފަހަރަށް މަނާ ކުރުމާއި އެކުވެސް، ހޮންކޮންގ ގެ ރައްޔިތުން މި ހަރަކާތްތައް ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން މިކަން މަނާ ކޮށްފައި ވަނީ، ކޮވިޑު 19 ސަބަބުން ކުރިމަތި ވެދާނެ ސިއްޙީ މައްސަލަތަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓީއާނަންމަން ހަރަކާތްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 4 ވަނަ ދުވަހު ހޮންކޮންގ ގެ މީހުން ބާއްވަމުން އަންނަ ހަރަކާތްތަކެކެވެ. މި ހަރަކާތްތައް ބާއްވަނީ، 1989 ވަނަ އަހަރު، ޑިމޮކްރަސީއަށް ތާއީދު ކުރާ ބަޔަކު ބޭޖިންގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން އެތައް ހާސް ބަޔަކު ޗައިނާގެ ސިފައިން މަރާލާފައި ވުމުން، މަރުވި މީހުންގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރު ފާސް ކުރެވުނު ޤައުމީ ސަލާމަތީ ޤާނޫނާއި ގުޅިގެން، މި އަހަރު މި ހަރަކާތްތަކުގައި ބައިވެރިވާ މީހުންނާއި، ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅިގެން ދާނެއެވެ. ޑްރެކޯނިއަން ނޭޝަނަލް ސެކިއުރިޓީ ލޯވ ގެ ދަށުން، އެ ޤައުމުގެ ސަލާމަތީ ބާރާއި އިދާރާތަކާއި ދެކޮޅު ހެދުމާއި، ނިރުބަވެރިކަމާއި، ދައުލަތާއި ޚިލާފަށް ބޭރު ބަޔަކާއި ގުޅިގެން ހިންގާ ޖަރީމާތަކާއި މިފަދަ ކިތަންމެ ކަމެއް ވަނީ މަނާ ކޮށްފައެވެ.

މި ޤާނޫނު ފާސްވެފައި ވީ ނަމަވެސް، ހޮންކޮންގ ގެ ގިނަ ބަޔަކު އަންނަނީ މި ޖޫން މަހުގެ 4 ވަނަ ދުވަހު ހޮންކޮންގގައި ހުންނަ ވިކްޓޯރިއާ ޕާކަށް ޖަމާވެ،1989 ގައި ޗައިނާގެ ސިފައިން ޤަސްދުގައި މަރާލި މީހުންގެ ހަނދާން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ.މި ހާދިސާގެ ހަނދާން އައު ކުރުމަށް ބޭނުންވާ އަނެއް ބަޔަކު ބުނަނީ، އެއް ތަނަކަށް ޖަމާ ނުވާނެ ކަމަށާއި، އަމިއްލަ ގޭގޭގައި ނުވަތަ އެ ސިޓީގެ އެހެން ހިސާބުތަކުގައި ތިބެގެންވެސް އުއްބަތި ދިއްލާ، މަރުވި މީހުންގެ ޒިކުރާ އައު ކުރެވޭނެ ކަމަށެވެ.

މި ހަރަކާތްތައް އިންތިޒާމް ކުރާ ހޮންކޮންގ އެލަޔަންސް އިން ސަޕޯޓު އޮފް ޑިމޮކްރެޓިކް މޫވްމެންޓްސް އޮފް ޗައިނާއަށް ވަނީ، މި ހަރަކާތްތަކަަކީ ޤާނޫނާއި ޚިލާފު ހަރަކާތްތަކެއް ކަމަށް ބުނާ މީހުންގެ ގިނަ ފާޑު ކިޔުންތަކަކާއި ކުރިމަތި ލާން ޖެހިފައެވެ.1989 ވަނަ އަަހަރުގެ މެއި މަހު އުފައްދާފައިވާ މި ގުޅުމުގައި، ހޮންކޮންގގެ 200 ސިވިލް ގުރޫޕް ހިމެނެއެވެ.މި ގުޅުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ޗައިނާގެ ބާރުން ހޮންކޮންގ މިނިވަން ކުރުމަށް ގޮވާލުމާއި 1989 ވަނަ އަހަރު ޗައިނާގެ ސަރުކާރުން މުޒާހަރާ ކުރި ރައްޔިތުންނާއި ދޭތެރޭ ކަންކުރި ގޮތާއި މެދު ޗައިނާއިން ޖަވާބުދާރީ ކުރުން ހިމެނެއެވެ.

މިދިޔަ އަހަރުގެ ހަރަކާތްތައް މަނާކޮށްފައި އޮތް ނަމަވެސް، މި ހާދިސާއަށް 31 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި އެތައް ހާސް ބަޔަކު ވަނީ 2020 ވަނަ އަހަރުވެސް ވިކްޓޯރިއާ ޕާކަށް ޖަމާވެފައެވެ.މީގެ ތެރޭގައި ހޮންކޮންގ އެލަޔަންސް އިން ސަޕޯޓު އޮފް ޑިމޮކްރެޓިކް މޫވްމެންޓްސް އޮފް ޗައިނާގެ އިސް ލީޑަރުންވެސް ހިމެނެއެވެ.މިކަމުގެ ސަބަބުން ގިނަ ބަޔަކު ހައްޔަރުކޮށް، 26 އިދިކޮޅު ލީޑަރުން ޤާނޫނާއި ޚިލާފު އެއްވުންތަކުގައި ބައިވެރި ވުމާއި މިފަދަ އެއްވުންތައް އިންތިޒާމު ކުރިކަމަށް ބުނެ، ކުށްެވެރި ވެފައިވެސް ވެއެވެ.

މިކަމާއި ގުޅިގެން އެލަޔަންސްގެ ނައިބު ޗެއަރމަން އަލްބަރޓޯ ހޯވ ވިދާޅުވީ، އެ ގުޅުމުން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް ތާއީދު ނުކުރާ ކަމަށާއި، މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާ ހުރި ދުސްތޫރީ ބަދަލެއް ގެނެއުމަށް ކަމަށެވެ. އަދި ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ފަރާތުން އެދެނީވެސް މިކަމަށް މަގުފަހި ކޮށްދިނުމަށް ކަމަށް ހޯވ ވިދާޅުވެއެވެ.

މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު، ޗައިނާގެ ކޮމިއުނިސްޓު ޕާޓީގެ ވެރިކަމަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އިރު، ބޭޖިންގައި ޗައިނާއާއި ދެކޮޅު އެއްވެސް ހަރަކާތެއް މިވަގުތު ބޭއްވުމަކީ ޗައިނާއިން ބޭނުންވާނެ ގޮތެއް ނޫން ކަމަށް ޗައިނީސް އެސޯސިއޭޝަން އޮފް ހޮންކޮންގ އެންޑް މަކާއޯ ސްޓަޑީޒްގެ ނައިބު ރައީސް ލާއު ސުއީ ކައި ވިދާޅުވެއެވެ.

މިހާރު އެމެރިކާއަށް ހިޖުރަ ކޮށްފައިވާ ޓީއާނަންމިން ސްކުއަރ ހަރަކާތުގެ ލީޑަރު، ޔަން ޖާކީ ވިދާޅުވަނީ،ހާދިސާ ހިނގިތާ 32 އަހަރު ފަހުން، މިއަދާއި ހަމައަށްވެސް މި ހާދިސާއާއި ބެހޭ މައުލޫމާތު ނޭނގޭ ގިނަ ބަޔަކު ޗައިނާގައި އުޅޭ ކަމަށާއި،ހުރިހާ އެންމެނަށް މި ހާދިސާގެ ތެދު ހާމަ ވެ އިންސާފު ޤާއިމް ވާން ޖެހޭ ކަމަށެވެ.

ޓިއާނަންމެން ސުކޮޔަރ ޕްރޮޓެސްޓް ނުވަތަ ޖޫން 4 ގެ ހާދިސާއަކީ، 1989 ވަނަ އަަހަރު ބޭޖިންގައި ކިޔަވާ ދަރިވަރުންތަކެއް އިސްނަގައިގެން، ޑިމޮކްރެސީއަށް ތާއީދުކޮށް ކުރި މުޒާހަރާއެކެެވެ.ނަމަވެސް ޗައިނާގެ ސިފައިން ވަނީ މި މުޒާހަރާގެ ތެރެއިން އެތައް ހާސް ބަޔަކު ބަޑި ޖަހާ މަރާލާފައެވެ. އަދި ގިނަ ބަޔަކު ހައްޔަރު ކޮށްފައިވެސް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް