އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސް ނިމިއްޖެ

އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލައިފިއެވެ. މި ބިލް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ. އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް...

02 Jun 2021 | 09:03

އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލައިފިއެވެ. މި ބިލް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި، ވަޒަންވެރިވެފައިވާ ނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން އިންޓަރ ކަނެކްޝަން ޗާރޖް އަދި ރިއިޝުއަރެންސް ޕްރިމިއަމް އިންދަ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށާއި، ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށާއި، އާމްދަނީން ޓެކްސް ނެގުނުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ބިލުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޓެކްސް ނެގޭނެ ކަންކަމުގެ ތެރޭގައި، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާ ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާ އިންވެސްޓްމެންޓް އެއްމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ކަނޑު ބޯޓް ނުވަތަ މަތިންދާ ބޯޓް އޮޕަރޭޓްކުރާ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ފުރައިގެންދާ އުޅަނދަކުން ޓެކްސް ނަގާނީ، އެފަރާތެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރި ފަރާތެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަން، ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީ އާއި، ރިސާރޗް ތަކަށް ލިބޭ އާމްދަނީ އާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ހިމެނުމަށް ހުށަހަޅާފައިވެއެވެ.

އިސްތިސްނާ ބާވަތްތަކުގެ އާމްދަނީގެ ތެރެއިން އެހެނިހެން އެއްވެސް ގާނޫނެއްގެ ދަށުން ނަގާ ޓެކްސް ހިމެނުމާއި، ރައީސާއި ނައިބު ރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ރައީސް ދިރިއުޅުއްވާ ގެކޮޅާއި، އެގެކޮޅަށް ހިނގާ ޚަރަދާއި، ރައީސަށް ޚާއްސަ ރަށާއި، ނައިބްރައީސަށް ޚާއްސަ ގެކޮޅަށް ހިނގާނެ ޚަރަދު ޓެކްސް ހިސާބު ކުރުމުގައި އިސްތިސްނާ ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީ މެމްބަރުން ބިލަށް ތާއީދުކޮށް ވާހަކަދެއްކެވި ނަމަވެސް ކޮމިޓީ މަރުހަލާގައި އިސްލާހުތައް ގެންނަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓެކްސްއިން ލިބޭ ފަައިސާ ރަނގަޅު ގޮތުގައި އިންވެސްޓް ކުރުމަށް މެމްބަރުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިދިކޮޅު މެމްބަރުން މި ބިލާ ދެކޯލު ހެއްދެވިއެވެ. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ބިލުގައި ހުރީ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށެވެ. މިވަގުތަށް ބިލު މުހިއްމުވާ ސަބަބު ބުނެ ނުދެވޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، ޕެންޑަމިކް ވަގުތުގައި މި ކަން ކުރެވޭނެތޯ ސުވާލު އުފައްދަވާފައެެވެ. ފައިދާ އެއް ނެތް ހުރިހާ މަޝްރޫއުތައް ހުއްޓާލައި، މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ގޮވާލައި 4 ސިޓީ ތަރައްގީކުރުމަށް ފޯކަސް ނުކުރަނީ ކީއްވެތޯ ވެސް ޖާބިރު ސުވާލު އުފެއްދެވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އާމްދަނީ އިތުރުކުރެވިގެން ނޫނީ ރައްޔިތުންގެ ބޭނުންތައް ނުފުއްދޭނެ ކަން ގަބޫލު ކުރާ ކަމަށާއި، ޓެކްސް ނެގުމުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ދަނޑިވަޅުގައި މިއީ ކުރަން އެއްމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އާމްދަނީ މިހާ ދަށް ދަނޑިވަޅެއްގައި މިއީ އިތުރު ތަކުލީފެއް ކަމަށް ވިދާޅުވިއެވެ. އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ، މި ދަނޑިވަޅުގައި ޓެކްސްތަކަށް ލުއި ދިނުމަށް ހުށަހަޅައި އެކަންކަން ކުރުމަށް މި ދަނޑިވަަޅުގައި މަސައްކަތްކުރެވިދާނެ ކަމަށެވެ. ދިއްގަރު ދާއިރާ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ، ސަރުކާރަށް އާމްދަނީ ލިބޭނީ ރައްޔިތުން އަތުން މިންވަރެއް ނަގައިގެން ކަމަށެވެ. އިކްރާމް ވިދާޅުވީ، މިއީ އާދައިގެ ރައްޔިތުން އަތުން ޓެކްސް ނެގުން ނޫން ކަމަށެވެ.

ބަހުސް ނިންމާލީ ފުރުސަތަށް އެދުނު ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވުމަށް ފަހުގައެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް