ކުޑަކުއްޖާ ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް

ނިޔާވި 10 އަހަރުގެ ކުއްޖާގެ މަައްސަލަ މަޖިލީހަށް ވެއްދުމަށް ތައްޔާރު ވެއްޖެއެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްއާ ހަވާލާދީ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަމާ ގުޅިގ...

02 Jun 2021 | 08:17

ނިޔާވި 10 އަހަރުގެ ކުއްޖާގެ މަައްސަލަ މަޖިލީހަށް ވެއްދުމަށް ތައްޔާރު ވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމްއާ ހަވާލާދީ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަމާ ގުޅިގެން މަޖިލީހަށް މައްސަލައެއް ވެއްދުމަށް ލިޔެކިޔުންތައް ތައްޔާރު ކުރައްވަމުން އެބަ ގެންދަވައެވެ. މިއަދު މަޖިލީހަށް މައްސަލަ ވައްދާނެ ކަމަށް ވެއެވެ.

މި މަހުގެ 1 ވަނަ ދުވަހު ނިޔާވި ހދ. ކުޅުދުއްފުށީ ލާޖަހާގޭ ފާތިމަތު މިޝްކާ އެޑްމިޓްކޮށްފައި ވަނީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. އެ ކުއްޖާގެ އާއިލާއިން ބުނިގޮތުގައި، އެ ކުއްޖާގެ ހާލު ދެރަވެ އެޗްޕީއޭއަށް ގުޅައި އެންގީ 31 ވަނަ ދުވަހުގެ ރޭ 9 ޖެހި އިރުއެވެ. އެތައް ފަހަރަކު ގުޅައިގެން އެދުމުން ވެސް އެޗްޕީއޭއިން ބުނީ "މެޑިކަލް ޓީމަށް ގުޅައި އަންގައިފި" ކަމަށެވެ. އެހެންނަމަވެސް ދެ ގަޑި އިރު ވެގެން ދިޔަ އިރު ވެސް އެމްބިއުލާންސް ނާންނަ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

ކޯވިޑް-19 ޕޭޝަންޓެއް ކަމުން އައިޖީއެމްއެޗުން ވެސް ފަރުވާދޭން އެއްބަސް ނުވި ކަމަށާއި އެންމެ ފަހުން އެޗްޕީއޭއިން އެމްބިއުލާންސް ފޮނުވީ ދެ ގަޑި އިރު ފަހުން އެ ރޭ 11:30 ހާއިރު ކަމަށް ބުނެފައިވެއެވެ.

އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާގެ ހޭ ވެސް ނެތްކަމަށާއި ކުއްޖާ އޮތީ ހުއްޓިފައި ކަމަށެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެފައިވާއިރު، ކޯވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ވެސް އެ މައްސަލަ ފެންމަތިވިއެވެ. ކޯވިޑް-19 ރެސްޕޮންސް ޓީމުގައި އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ބޭނުންކުރަމުން އަންނައިރު ބަލި މީހުން އުފުލުމާއި ނިޔާވާ މީހުން އުފުލުމަށް ވެސް ގެންގުޅެނީ އެއް އެމްބިއުލާންސްތަކެކެވެ.

މިއީ ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ

މިނިސްޓްރީ އޮފް ހެލްތުން ކުރި ޓުވީޓުގައި ބުނީ އެމްބިއުލާންސް ފޮނުވުމުގައި ލަސްތަކެއްވި ކޭސްއެއް ފެންމަތިވެފައިވާ ކަމަށާއި، އެ ކޭސްއަށް ރިއާޔަތްކޮށް އެމްބިއުލާންސް ފޮނުވުމުގައި ބަލާ އުސޫލުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

ނިޔާވި ކުއްޖާގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި ކުއްޖާގެ ހާލު ދެރަވެފައި ވަނީ ކުއްޖާ ކޯވިޑް-19ށް ޕޮޒިޓިވްވިތާ ހަތް ވަނަ އަށް ވީ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް