ދީނަށްޓަކައި މޮޑެލް ކުރުން ހުއްޓާލި ހަލީމާ އޭޑެން އަނެއްކާވެސް މޮޑެލް ކުރަން ފަށަނީ!

ބުރުގާ އެޅި އެންމެ ފުރަތަމަ ސުޕަރ މޮޑެލްގެ ގޮތުގައި މަޝްހޫރުވި ހަލީމާ އޭޑެން ވަނީ އޭނާގެ ދީނީ ޤަބޫލު ކުރުންތަކަށް ހުރަސް އެޅޭ ކަމަށް ބުނެ، މިދިޔަ އަހަރުގެ ނޮވެމްބަރު ދީނަށްޓަކައި މެޑެލް ކުރުން ހުއްޓާލ...

02 Jun 2021 | 08:06

ބުރުގާ އެޅި އެންމެ ފުރަތަމަ ސުޕަރ މޮޑެލްގެ ގޮތުގައި މަޝްހޫރުވި ހަލީމާ އޭޑެން ވަނީ އޭނާގެ ދީނީ ޤަބޫލު ކުރުންތަކަށް ހުރަސް އެޅޭ ކަމަށް ބުނެ، މިދިޔަ އަހަރުގެ ނޮވެމްބަރު ދީނަށްޓަކައި މެޑެލް ކުރުން ހުއްޓާލާފައެވެ.

ސޯމާލިޔާއަށް އުފަން، އުމުރުން 23 އަހަރުގެ ހަލީމާ އޭރު ބުނެފައި ވަނީ، މޮޑެލް ކުރުމަކީ އޭނާގެ ދީނީ ޤަބޫލު ކުރުންތަކާއި ޚިލާފު ކަމެއް ކަމަށް ފެންނާތީވެ، މޮޑެލް ކުރުން ދޫކޮށްލަން ނިންމީ ކަމަށެވެ. ނަމަވެސް،މި ނިންމުމަށް އަހަރެއްވެސް ނުވަނީސް، މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ ޓޮމް ހިލްފިގަރއާއި އެކު ހުއްޓިލައިގެން ހުރި ފޮޓޯއެއް ޕޯސްޓު ކުރަމުން، ހަލީމާ މިވަނީ އަނެއްކާވެސް މޮޑެލިންއަށް އެނބުރި އަންނަ ކަމުގެ އިޝާރާތެއް އޭނާގެ ފޭނުންނަށް ދީފައެވެ.

ވޭތުވެ ދިޔަ އަހަރު، ހަލީމާ މޮޑެލިންގ ދާއިރާއާއި ދުރަށް ދާން ނިންމުމާއިއެކު، އޭނާވަނީ ހައި ފެޝަން އިންޑަސްޓްރީއާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެގޮތުން، އެ ދާއިރާގައި ކުރިމަތިވެފައި ވާ ގިނަ ގޮންޖެހުންތަކާއި، އަންހެނުންނަށް ކުރިމަތިލާން ޖެހޭ ގިނަ މައްސަލަތަކެއް، ތަފްސީލާއި އެކު އޭނާގެ ފޮޮލޮވަރުންނާއި ހަމަައަށް އޭނާ ވަނީ ގެނެސްދީފައެވެ.

އަދި ފެޝަން އިންޑަސްޓްެރީއަށް ފައްތަން އޭނާގެ ބުރުގާ ދުވަހަކަށް ވުރެ ދުވަހެއް 'ކުޑަވަމުން' ދިއުމުން އޭނާއަށް ބޮޑެތި ނޭދެވޭ އަސަރު ކުރި ކަމަށްވެސް ހަލީމާ ވަނީ ބުނެފައެވެ. މީގެ އިތުރުން، މަސައްކަތުގައި އުޅޭ އިރު ނަމާދު ކުރަންވެސް ވަގުތު ނުލިބޭ ކަމަށާއި، އޭނާ ހެދުން އަޅަން ޖެހެނީ ދޮން ފިރިހެނުން ބޭނުންވާ ގޮތަށް ކަމަށް ހީވެ، އަމިއްލަ ނަފްސުވެސް ގެއްލިފައިވާ ފަދައިން އިޙްސާސް ކުރެވޭ ކަމަށް ހަލީމާ ހިއްސާ ކޮށްފައި ވެއެވެ. ފެޝަން ދުނިޔޭގެ މިފަދަ ޙަޤީޤަތްތައް ކެރިގެން ހިއްސާ ކުރީތީ، ގިނަ ބައެއްގެ ތައުރީފުވެސް ޙަލީމާއަށް ލިބިގެން ގޮސްފައިވެއެވެ.އިންސްޓަގްރާމްގައި ހަލީމާގެ ފޮލޮވަރުންގެ އަދަދު މިހާރު އުޅެނީ 1 މިލިއަނަށް ވުރެ މަތީގައެވެ.

މިހާ ބޮޑު މަޤްބޫލު ކަމެއް ހާސިލް ކޮށްފައިވާ ހަލީމާ، އެނބުރި މޮޑެލިންގއަށް އަންނާނެ ކަމަށް އަނެއްކާވެސް ވާހަކަ ދެކެވެން ފެށީ ޓޮމް ހިލްފިގަރއާއިއއެކު ނަގާފައިވާ ފޮޓޯއެއް އޭނާ އިންސްޓަގްރާމްގައި ހިއްސާ ކުރުމާއި އެކުގައެވެ.މި ފޮޓޯގައި ހަލީމާ ހުރީ ކަޅު ކުލައިގެ ޝޯލެއް އަޅާ، ރީތި ޑިޒައިނެއްގެ މެކްސީ ޑްރެސްއެއް ލައިގެންނެވެ.މި ޕޯސްޓުގެ ކެޕްޝަނަކަށް ހަލީމާ ޖަހާފައި ވަނީ،އޭނާގެ އެންމެ މަޤްބޫލު އެއް ޑިޒައިނަރު ކަމަށްވާ ޓޮމީ ހިލްފިގަރއާއި އެކު "ސުޕަރ ސްޕެޝަލް" ޕްރޮޖެކްޓެއްގައި ޝޫޓު ކުރަމުން އަންނަ ކަމަށެވެ.ހަލީމާގެ މި ޕޯސްޓަށް 143،000 ލައިކް ލިބިފައި ވާއިރު، ގިނަ ބަޔަކު ޤަބޫލު ކުރަނީ މި ޕޯސްޓުގެ ކެޕްޝަނުން ހާމަ ވެގެން ދަނީ، ހަލީމާ އެނބުރި މޮޑެލިންގއަށް އަންނަން އުޅޭ ކަމެވެ.

2016 ވަނަ އަހަރު 'ދުނިޔޭގެ އެންމެ ފުރަތަމަ ހިޖާބު ސުޕަރ މޮޑެލް'ގެ ލަޤަބާއިއެކު، ދާއިރާގެ އެންމެ އުހަށް ދަތުރު ކުރި ހަލީމާ ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދުނިޔޭގެ އެންމެ މަޝްހޫރު މޮޑެލިންގ އޭޖެންސީ ކަމަށްވާ އައިއެމްޖީއާއި އެކު މަސައްކަތް ފަށާ، ފެޝަން އިންޑަސްޓްރީގެ ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރާއި ހަމައަށް އައި އިރު ކޮށްފައެވެ.މީގެ އިތުރުން، ރީތީގެ ރާނީން ހޮވާ އެމެރިކާގެ 'މިސް މިނެސޯޓާ' މުބާރާތުގައިވެސް ހަލީމާ ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.ހަލީމާ އެންމެ ފުރަތަމަ ރަންވޭގައި ހިނގާފައި ވަނީ ކާންޔޭ ވެސްޓުގެ ޝޯވއެއްގައެވެ. އަދި އޭގެ ފަހުން، ފެންޓީ އަދި މާރކްސް ޖޭކޮބް ފަދަ ނަން މަޝްހޫރު ބްރޭންޑްތަކުގެ ޝޯވ ތަކުގައި އޭނާ އައީ މޮޑެލް ކުރަމުންނެވެ.މީގެ އިތުރުން ހަލީމާ ވަނީ ބްރިޓިޝް ވޯގް، އަދި ވޯގް އެރޭބިއާގެ އިތުރުން އެލުއަރ މަޖައްލާގެ ބޭރު ގަނޑަށްވެސް އަރާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މޮޑެލިންގ ދޫކޮށްލި ކަމަށް ހަލީމާ ބުނުމުން ހަލީމާގެ ފޭނުން ވަނީ އެކަމާ ހިތާމަ ފާޅު ކޮށްފައެވެ.އެހެން ކަމުން، ހަލީމާގެ އައު ޕޯސްޓަށް ގިނަ ފޭނުން އަންނަނީ ބޮޑު ތަރުހީބެއް ދެމުންނެވެ. ހަލީމާ އެނބުރި މޮޑެލް ކުރަން ފަށާތަން ދެކެން ބޭނުންވާ ކަމަށާއި، ފެޝަން ދާއިރާއަށް އަލުން މަރުހަބާ ކިޔާ ކަމަށް ބުނެ އެތައް ހާސް ބަޔަކު މި ޕޯސްޓަށް ކޮމެންޓު ކުރަމުން ދާއިރު، މީގެ ތެރޭގައި މަޝްހޫރު ފަންނާނުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް