ދޫނި ރޯގާގެ މަދުން ނޫނީ ނުފެންނަ ސްޓެއިންއެއް ކަމަށްވާ އެޗު10އެން3 ޖެހިފައިވާ އިންސާނެއް ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ. ޗައިނާގެ ޖޭންގސޫއިން 41 އަަހަރުގެ މީހަކަށް ދޫނި ރޯގާގެ މި ވައްތަރު ޖެހިފައިވާކަން ޗައިނާގެ ބެއިޖިންގސް ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުދަ ދުވަހު ކަށަވަރު ކޮށްދީފައެވެ.
ދޫނި ރޯގާގެ ގިނަ ވައިރަސްތަކެއް އާންމު ގޮތެއްގައި ޗައިނާއިން ފެންނަ އިރު، މީގެ ތެރެއިން މަދު ވައްތަރުތަކެއް އިންސާނުންގެ ގަޔަށްވެސް އަންނަނީ އަރަމުންނެވެ. އާންމުކޮށް ދޫނި ރޯގާ ޖެހެނީ ދޫނި ގެންގުޅޭ މީހުންނަށެވެ. ނަމަވެސް، ދޫނި ރޯގާގެ އެޗް10އެން3 ސްޓްރެއިން އިންސާނެއްގެ ގައިން ފެނުނު މިއީ ފުރަތަމަ ފަހަރެވެ.ނަމަވެސް އިންސާނުންގެ މެދުގައި މި ވައްތަރު ފަސޭހަކަމާއިއެކު ފެތުރިގެން ގޮސްދާނެ ކަމުގެ ނިޝާނެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ.
ޗައިނާގެ ސިއްޙީ ކޮމިޝަނުން ބުނީ، ޖެންޖިޔާންގގައި ދިރިއުޅޭ މި މީހާ ހަސްފަތާލު ކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުގައި ކަމަށާއި، އޭނާއަށް ދޫނި ރޯގާގެ އެޗް10އެން3 ޖެހިފައިވާ ކަން ދެނެގަނެވުނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް، މި މީހާއަށް ވައިރަސް ޖެހުނު ގޮތުގެ ތަފްސީލު ޗައިނާގެ ސިއްޙީ ކޮމިޝަނުން މީޑިއާތަކާއި ޙިއްސާ ކޮށްފައެއް ނުވެއެވެ.މީގެ އިތުރުން އެ ކޮމިޝަނުން ބުނީ، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް އޭނާ ހަސްފަތާލުން ދޫކޮށްލެވޭނެ ކަމަށެވެ. އަދި އޭނާއާއި ކައިރިން ބައްދަލު ވެފައިވާ މީހުން ނުވަތަ ކްލޯޒް ކޮންޓެކްޓުންގެ ތެރެއިން އެއްވެސް މީހެއްގެ ގައިން މި ވައިރަސް ފެނިފައި ނުވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.އަދި މިހާތަނަށް، މުޅި ދުނިޔެއިންވެސް އިތުރު އެއްވެސް މީހަކަށް މި ވައިރަސް ޖެހިފައިވާކަން ރިޕޯޓު ކޮށްފައި ނުވާކަން ޗައިނާގެ ސިއްޙީ ކޮމިޝަނުން ފާހަގަ ކުރެއެވެ.
ޗައިނާގެ ސިއްޙީ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ވައިރަހަކީ ލޯވ ޕެތެޖެނިކް ވައިރަހެއް ކަމުން، މި ވައިރަހުގެ އަސަރު ދޫންޏަށް ކުރާ މިންވަރުވެސް ވަރަށް ކުޑައެވެ. އެހެން ކަމުން، މި ވައިރަސް އިންސާނުންގެ މެދުގައި ފެތުރޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ރޮއިޓަރސްއިން މިކަމާއި ގުޅޭ ގޮތުން ދުނިޔޭގެ ސިއްޙީ ޖަމިއްޔާއާއި ސުވާލު ކުރުމުން، އެ ޖަމިއްޔާއިން ބުނެފައިވަނީ، ޗައިނާއިން މި ބަލި ޖެހުނު މީހާގެ ގަޔަށް ވައިރަސް އެރި ގޮތުގެ ތަފްސީލު އެ ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށާއި، އެ ހިސާބުގަނޑުގެ އާބާދީންވެސް އިތުރަށް މި ވައިރަހުގެ ވޭދަނައެއް ފެނިފައި ނުވާތީ، އިންސާނުންގެ ގައިން ގަޔަށް މި ވައިރަސް އަރާކަމުގެ ހެއްކެއް މިވަގުތު ލިބިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، އެ ޖަމިއްޔާއިން ބުނީ، ދޫނީގެ މެދުގައި މިފަދަ ވައިރަސް ފެތުރެމުން ދާނަމަ، އަބަދުވެސް އިންސާނުންގެ ގަޔަށް މިފަދަ ވައިރަސް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ކަމުން އިންފުލުއެންޒާގެ ޕެންޑެމިކްއެއް ކޮންމެ ވަގުތަކުވެސް ފެތުރިދާނެ ކަމުގެ ބިރު އޮންނަ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޯރގަނައިޒޭޝަންގެ ސަރަޙައްދީ ލެބޯރެޓޮރީ ކޯޑިނޭޓަރު، ފިލިޕް ކްލެއިސް ވިދާޅުވީ، އެޗް10އެން3 އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ސްޓްރެއިންނެއް ކަމަށާއި،40 އަހަރުގެ ތެރޭގައި މި ވައިރަހުގެ ރިޕޯޓު ކޮށްފައި ވަނީ 160 ކޭސް ކަމަށެވެ.މީގެ އިތުރަށް ކްލެއިސް ވިދާޅުވީ، އިންސާނެއްގެ ގައިން ދެނެގަނުވު ވައިރަހުގެ އިތުރު ތަޙުލީލުތައް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ، މި ވައިރަހަކީ ކުރިން ފެނިފައިވާ ވައްތަރުތަކުގެ ވައިރަހެއްކަން ނުވަތަ އެކި ވައިރަސްތައް އެކުވެގެން އުފެދިފައިވާ އައު (ނޮވެލް) ވައިރަހެއްކަން ޔަޤީންވާނީ މި ވައިރަހުގެ ޖެނެޓިކް މައުލޫމާތު ތަޙުލީލުކޮށްގެން ކަމަށް ކްލެއިސް މައުލޫމާތު ދެއްވައެވެ.
2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު، ދޫނި ރޯގާގެ އެޗް7އެން9 ވައިރަސް ޖެހިގެން 300 އެއްހާ މީހުން މަރުވި ފަހުން،އަދި މިހާތަނަށް ދޫނި ރޯގާ އިންސާނުންގެ ގައިން ފެނިފައި ވަނީ މަދު ފަހަރެއްގައިކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް