ފަރުވާދިނުން ލަސްވެގެން ކުޑަކުއްޖާ ނިޔާވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ފަރުވާދިނުން ލަސްވެގެން ކުއްޖަކު ނިޔާވި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގުކުރަން ފަށައިފިއެވެ. ރޭ މެންދަމު، އައިޖީއެމްއެޗް އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް އުމުރުން 10 އަހަރުގެ ކުއްޖަކު ވަ...

02 Jun 2021 | 07:48

ފަރުވާދިނުން ލަސްވެގެން ކުއްޖަކު ނިޔާވި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގުކުރަން ފަށައިފިއެވެ.

ރޭ މެންދަމު، އައިޖީއެމްއެޗް އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް އުމުރުން 10 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. ކޯވިޑް-19 އަށް ފައްސިވެ ގޭ ބަންދުގައި ހުރި ފާތިމަތު މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ގޮސްފައިވަނީ ގުޅިތާ ދެ ގަޑިއިރާ 25 މިނިޓް ފަހުންނެވެ. އެ ކުއްޖާ ނިޔާވީ ރޭ 12:10 ހާއިރުއެވެ. މިޝްކާ އަކީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި އުމުރުން އެންމެ ހަގު ކުއްޖާއެވެ.

ނިޔާވި 10 އަހަރުގެ ކުއްޖާގެ މަައްސަލަ މަޖިލީހަށް ވެއްދުމަށް ތައްޔާރު ވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ރާއްޖެެއެމްވީއަށް ވިދާޅުވީ، މިކަމާ ގުޅިގެން މަޖިލީހަށް މައްސަލައެއް ވެއްދުމަށް ލިޔެކިޔުންތައް ތައްޔާރު ކުރައްވަމުން އަންނަ ކަމަށެވެ. މިއަދު މަޖިލީހަށް މައްސަލަ ވައްދާނެ ކަމަށް ވިދާޅުވިއެވެ.

އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާގެ ހޭ ވެސް ނެތްކަމަށާއި ކުއްޖާ އޮތީ ހުއްޓިފައި ކަމަށެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ވެސް އެ މައްސަލަ ފެންމަތިވިއެވެ. ކޮވިޑް-19 ރެސްޕޮންސް ޓީމުގައި އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ބޭނުންކުރަމުން އަންނައިރު ބަލި މީހުން އުފުލުމާއި ނިޔާވާ މީހުން އުފުލުމަށް ވެސް ގެންގުޅެނީ އެއް އެމްބިއުލާންސްތަކެކެވެ.

އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ބަލީ މީހާއަށް ލިބެންޖެހޭ ހިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވި ފުރާނައެއް ވަކިވެ ދިޔުމުން އެކަން ކުށްވެރިކުރާ ކަަމަށެވެ. އަދި ފަރުވާދިނުން ލަސްވެގެން ކުއްޖަކު ނިޔާވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކުޑަކުއްޖެއްގެ ހާލު ސީރިއަސް ވެގެން އެމްބިއުލަންސަށް ގުޅުމުން އެމްބިއުލަންސް ދިއުމަށް އެތައް އިރެއް ހޭދަވިއިރު ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ އިން ފެނުނު ފަހުން، ސިއްހީ އެހީތެރިކަން ހޯދަން އެމްބިއުލަންސަށް ގުޅުމުން ހިދުމަތް ލިބެން އެތައް އިރެއް ހޭދަވާ މައްސަލަތައް މީގެ ކުރިން ވެސް ފާހަގަ ކުރެވިފައި ވެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެމްބިއުލާންސް ޑިޕްލޯއި ކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް