މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއި އެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކާއި 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި ދެމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މެއި 31 ވަނަ ދުވަހު ކުޅުދުއްފުށި ބަނދަރުމަތިންނެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް ކޮތަޅެއްގެ ތެެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން 44 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މެއި 30 ވަނަ ދުވަހު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ.
34 އަހަރުގެ މީހާއަށް ކުޅުދުއްފުށި ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 44 އަހަރުގެ މީހާއަށް ގއ. ވިލިނގިލި ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް