މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއިން ނެރެފައިވާ ކުއާޓްލީ އިކޮނޮމިކް ބުލެޓިންގ ރިޕޯޓްގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން 99075.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ.
ދިވެހިރާއްޖެ އިން އެކްސްޕޯޓް ކުރި މަހުގެ އަދަދު މި މުއްދަތުގައި އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ ދިވެހިރާއްޖެ އިން ބޭރުކުރި ގަނޑުކުރި ކަޅުބިލަމަހުގެ އަދަދު އިތުރުވުމެވެ. އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ކަޅުބިލަމަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައި ވަނީ ދަޅުގައި ބަންދުކުރި މަހުގެ ޑިމާންޑު ބައިނަލްއަޤްވާމީ ބާޒާރުގައި ބޮޑުވުމުގެ ސަބަބުންނެވެ. މަސް ދަޅު ތައްޔާރުކުރުމަށް އާއްމުކޮށް ބޭނުންކުރަނީ ކަޅުބިލަމަހެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސް ދަޅު އަދި ޕައުޖުގައި ބަންދުކޮށްފައިވާ މަސް ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރުވެސް ވަނީ 35 އިންސައްތަ އިތުރުވެފައެވެ.
ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ ރީނދޫ އުރަހަ ކަންނެލީގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ތާޒާ އަދި ފިނި ކުރި ކަންނެލި މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަނީ މި މުއްދަތުގައި 28 އިންސައްތަ ދަށްވެފައެވެ.
މިއަހަރުގެ ފުރަތަމަ ކުރާޓަރުގައި ކުންފުނިތަކުން ގަނެފައިވާ ރީނދޫއުރަހަ ކަންނެލީގެ އަދަދުވަނީ 41 އިންސައްތަ ދަށްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް