ޖުލައިމަހު ފަތުރުވެރިކަން ރަނގަޅުވާން ފަށާނެ: މައުސޫމް

ޖުލައިމަހުގެ ތެރޭގައި އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޓީވީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާ...

02 Jun 2021 | 06:08

ޖުލައިމަހުގެ ތެރޭގައި އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ކޯވިޑް19ގެ ނަންބަރުތައް އިތުރުވާން ފެށުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު އަސަރުކޮށްފައިވާކަމަށެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، މިމަހުވެސް ރާއްޖެ އަންނާނެކަމަށް ލަފާކުރާ ފަތުރުވެރިންގެ ނަންބަރުތައް އެހާ ރަނގަޅު ނޫންކަމަށެވެ. ނަމަވެސް ޖުލައި މަހުގެ ތެރޭގައި އަނެއްކާވެސް ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި ހުރި ހުރިހާ އެނދުގެ ނިސްބަތުން 90 އިންސައްތައަށްވުރެ ގިނައިން އޮޕަރެޝަންއަށް އައިސްފަ އެއޮތީ. އެހެންނަމަވެސް މިދުވަސްކޮޅު އޮޕަރޭޝަންއަށް އައުމަކުން އުފަލެއް ނެތް. އޮކިއުޕަންސީ ފުދޭވަރަކަށް ދަށްކޮށް މިދިޔައީ. ޖޫންމަހަށްވެސް އެހާ ޕޮޒިޓިވް މަންޒަރެއް ނުފެނޭ. ދެން އެކަމަކު ޖޫންގެ ފަހުކޮޅު ޖުލައި ހިސާބުގައި ރަނގަޅުވާނެކަމަށް އަޅުގަނޑުމެން މިބަލަނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ގިނަ ތަންތަން އަލުން ހުޅުވާފައިވާކަމަށެވެ. އެހެންނަމަވެސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ކުރިން ހުރި ހިސާބަކަށް އަދި ނާދެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކޯވިޑާއިއެކު ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަދި ވަޒީފާ ނުލިބޭކަމަށާއި، މުސާރަ އުނިކުރި މުވައްޒަފުންނަށް ހަމަ މުސާރައެއްވެސް ނުލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަންކަން ރަނގަޅުވާން ދުވަސްކޮޅެއް ނަގާނެކަމަށެވެ.

ކޯވިޑް-19ގެ ނަންބަރުތައް ރާއްޖޭގައި މިފަހުން އިތުރުވާން ފެށުމާއިއެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިޒާ ދިނުން ހުއްޓާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް