ފާއިތު މެއި މަހަކީ ދިވެހިރާއްޖެއަށް އުނދަގޫ، ހިތްދަތި މަހެކެވެ. ކޯވިޑް-19ގެ ހަތަރު ވަނަ ރާޅެއް ބިންދާލައި، މުޅި ރާއްޖެ އެ ރާޅުގެ ތެރެއަށް ގަންބުވާލި ބިރުވެރި މަހެކެވެ. ރާޅުގެ އޮއިގައި ބެހި އެތައް ފުރާނައެއް އަޅުގަނޑުމެންނާ އަލްވަދާޢު ކީ ކަޅު މަހެކެވެ. މެއި މަހަކީ ރާއްޖެއިން މިހާތަނަށް ފެނިފައިވާ ކޯވިޑް-19ގެ ވޭދަނަތަކުގެ ދެ ބައި ކުޅަ އެއްބައި ވޭދަނަ ފެނުނު މަހެވެ. އަނެއްކޮޅުން ރާއްޖެއިން މިހާތަނަށް މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވަނީ ވެސް ހަމަ މެއި މަހުއެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.
މި އަހަރުގެ މެއި މަހު ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އެ މަހު 34،159 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ އެއީ ގާތްގަނޑަކަށް 1101 ވޭދަނައެވެ. އެ އަދަދުތަކާއެކު މުޅި ޖުމުލަ ވަނީ 64،396 އަށް އަރާފައެވެ. މެއި މަހުގެ ކުރިން އެ އަދަދު ހުރީ 30،237 ގައެވެ.
މުޅި މެއި މަހުގެ އެކި ދުވަސްތަކަށް ބަލައިލާއިރު މެއި މަހުގެ ފުރަތަމަ ދުވަހު ކޯވިޑް-19އަށް ފައްސިވެފައި ވަނީ 402 މީހުންނެވެ. އެއަދަދު މަތިވަމުން ގޮސް މެއި މަހުގެ 9 ވަނަ ދުވަހު ފައްސިވި މީހުންގެ އަދަދު ހާހަކަށްވުރެ މަތިވިއެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ފެނުނުފަހުން ދުވާލެއްގެ މައްޗަށް ފެންނަ ވޭދަނަތަކުގެ އަދަދު ހާހަކަށްވުރެ މަތިން ރިޕޯޓްކުރި ދުވަސް ވެސް މެއެވެ. އޭގެފަހުން ހާހަކަށްވުރެ މަތިން ކޮންމެ ދުވަހަކު ވޭދަނަތައް ރިޕޯޓްކުރަމުން އައިސް މެއި މަހުގެ 16 ވަނަ ދުވަހު ހާހަކަށްވުރެ އައަދު ދަށްވިއެވެ. އެދުވަހު ރިޕޯޓްކޮށްފައިވަނީ 741 ވޭދަނައެވެ.
އެއަށްފަހު އަނެއްކާވެސް ކޮންމެ ދުވަހަކު ހާހަކަށްވުރެ މަތިން އަދަދުތައް ފެންނަމުން އައެވެ. ދެން ސިހުން ގެނުވީ މެއި މަހުގެ 20 ވަނަ ދުވަހު ދެހާހުން މައްޗަށް އެ އަދަދު އެރީމައެވެ. މެއި މަހުގެ 20 ވަނަ ދުވަހު 2194 މީހުން ފައްސިވި އިރު މިއީ 2000 އިން މަތިން ވޭދަނަތައް ރިޕޯޓްކުރި ފުރަތަމަ ދުވަހެވެ. ދެން އަނެއްކާވެސް ދުވާލަކަށް ރިޕޯޓުކުރާ ބަލިޖެހޭ މީހުންގެ ހާހަކަށް ތިރިވިއެވެ. އަދި އަދި މެއި މަހުގެ 28 ވަނަ ދުވަހު އެއަދަދު އެއް ހާހުން ތިރިވިއެވެ. އެއީ 901 މީހުންނެވެ. އެއަށްފަހު މެއި 30 އަދި 31 ވަނަ ދުވަހު ވެސް ވޭދަނަތައް ރިޕޯޓްކޮށްފައި ވަނީ ހާހަކުން ދަށުންނެވެ. އެއީ މެއި މަހުގެ 30 ވަނަ ދުވަހު 780 މީހުން އަދި މެއި މަހުގެ 31 ވަނަ ދުވަހު 710 މީހުންނެވެ.
މުޅި މެއި މަހަށް ބަލާ ކަމަށް ވާ ނަމަ މެއި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އެއް ހާހުން ދަށުން ވޭދަނަތައް ރިޕޯޓްކުރަމުން އައިސް ހާހަކުން މައްޗަށް އެރިފަހުން އެއްހާހަށް ވުރެ ދަށުން ވޭދަނަތައް ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހާއި، 28 ވަނަ ދުވަހާއި 30 އަދި 31 ވަނަ ދުވަހެވެ. މެއި މަސް ތެރޭގައި މުޅި ޖުމްލަ 145،921 ސުންކެއްއް ވަނީ ޓެސްޓްކޮށްފައެވެ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4707 ސުންކެވެ.
މެއި މަހަކީ އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަސް ވެސް މެއެވެ. މެއި މަސް ފެށުނުއިރު ރާއްޖޭގައި މިބަލީގައި ނިޔާވެފައިވަނީ 73 މީހުންނެވެ. މަސް ނިމުނުއިރު އެއަދަދު ހުރީ 161 ގައެވެ. މުޅި ޖުމްލަ 88 މީހުން މެއި މަސްތެރޭގައި ވަނީ ނިޔާވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް 2.8 މަރެވެ. މުޅި މެއި މަހަށް ބަލާއިރު މިބަލީގައި އެއްވެސް މީހަކު ނިޔާނުވެ ރިޕޯޓްކޮށްފައިވަނީ 9 ދުވަހެއްގައެވެ. ބައެއް ދުވަސް ދުވަހު ފަހަކުން މަތިން މީހުން ނިޔާވެފައިވެއެވެ. އެންމެ ގިނަ މީހުން މިބަލީގައި ނިޔާވީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވިއެވެ. އެއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި ދުވަސް ވެސް މެއެވެ.
އެހެންކަމުން މިއީ އަހަރެމެން ވިސްނުން މުހިންމު ކަމެކެވެ. އުސޫލުތަކާއި ޚިލާފު ނުވުން ވަރަށް މުހިންމެވެ. މެއި މަހުން އިބުރަތް ލިބިގަނެ އަހަރެމެންގެ އުޅުން ހަރުދަނާކުރަން މިވަނީ ޖެހިފައެވެ. ގިނަގިނައިން އަތް ދޮވެ ސާފުތާހިރު ކަމަށް ހާއްސަ ސަމާލު ކަމެއް ދިނުން މި ވަނީ މަޖުބޫރި ވެފައެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި ވެކްސިން ޖެހުމަށް ލިބިފައިވާ ފުރުސަތު ނަގައިނުލުން ވެސް މި ވަނީ ބޭނުންތެރި ކަމަކަށް ވެފައެވެ. އަދި އަލާމާތެއް ފެންނަ ނަމަ އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން އެދެވިގެން ވެއެވެ. މިފަދަ ހާލަތެއްގައި އެންމެ ކައިރީގައި ހުންނަ ފުލޫ ކުލިނިކަކަށް ދެވިދާނެއެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނުކުތުން ވެސް ވަރަށް މުހިންމެވެ. ހުން އަންނާނެ ކަމަށް ރަޖާލުމަށް ވުރެ ވަކި މޮޅު ގޮތެއް ނޯންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް