އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ގާނޫނާ ގަވައިދާ ހިލާފު އަމަލުތައް ވެސް، ރާއްޖެ އަށް ހެޔޮއެދޭ، ބޭރުގެ އެކި ގައުމުތަކަށް ފެންނަން ޖެހޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނީ އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ކަން ހިނގާދިޔަ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ނެރުނު ބަޔާނަށް ރައްދުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެވެ. ފޮރިން މިނިސްޓްރީން ބުނީ އީޔޫން ބަޔާން ނެރުމުގެ ކުރިން، އިދިކޮޅު ފަރާތްތަކުން ހިންގާ އެ ފަދަ ގާނޫނާ ހިލާފު ކަންތައް ނުކުރުމަށާއި ކުރިއަށް އޮތް އިންތިހާބު ވީހާ ވެސް އިންސާފުވެރިކޮށް، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލަން ޖެހޭ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރަނގަޅު ޑިމޮކްރަސީއަކަށް އިދިކޮޅު ފަރާތްތަކުގެ ރޯލް މުހިއްމު ކަމަށެވެ. އެކަމަކު ހަމައެއާއެކު އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ވެސް ގާނޫނާ އެއްގޮތަށް ބެހެއްޓުން މުހިއްމު ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރާތް ކޮށް ފޮރިން މިނިސްޓްރީން ބުނީ ގާނޫނާއި ހިލާފަށް ބާއްވާ ހަރަކާތްތަކާއި މީހުންނަށް އޮޅުވާލައި، ހަލަބޮލިކަން އުފެދޭ ގޮތަށް ބާއްވާ ޕްރީ އިލެކްޝަނަކީ ޒިންމާދާރު ސިޔާސީ ހަރަކާތްތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެ ފަދަ އަމަލުތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސަރުކާރުގެ ބަޔާނުގައި ބުނީ ގާނޫނުއަސާސީއާ ހިލާފަށް ބާއްވާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ، އެއްވެ އުޅުމާއި ވާހަކަ ދެއްކުމުގެ މިނިވަން ކަމަށް އަަރައިގަތުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
"ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކާއި މިނިވަން ދެމެހެއްޓުމަށް މި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަމެވެ. އަދި މި ސަރުކާރުން ވެރިކަން ކުރާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ." ބަޔާނުގައި ބުނެފައި ވެ އެވެ.
އީޔޫން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފްރާންސާއި ޖަރުމަނާއި އިޓަލީ، ނެދަލޭންޑްސް، ރޮމޭނިއާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރުން، ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މިހާރު ގާނޫނާއި ގަވާއިދުތަކަށް ބޯ ލެނބުމަކީ ފުރިހަމަވެފައިވާ ޑިމޮކްރަސީގައި އޮންނަންޖެހޭ ކަމެއް ކަމަށާއި އެއްވުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ ހައްގުތަކެއް ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް