ކަމަދޫ ކައުންސިލަށް ރައީސަކު އައްޔަން ނުކުރުމުން ނައިބު ރައީސް ސަސްޕެންޑު ކޮށްފި

ބ. ކަމަދޫ ކައުންސިލަށް ރައީސަކު އައްޔަން ނުކުރާ ކަމަށް ބުނެ އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ސަސްޕެންޑު ކޮށްފި އެވެ. އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ ...

02 Jun 2018 | 08:58

ބ. ކަމަދޫ ކައުންސިލަށް ރައީސަކު އައްޔަން ނުކުރާ ކަމަށް ބުނެ އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ސަސްޕެންޑު ކޮށްފި އެވެ.

އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭއިން) މި ފިޔަވަޅު އަޅާފައި މިވަނީ ރައީސަކު އައްޔަން ނުކޮށްފި ނަމަ ކައުންސިލާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ދިނުމަށް ފަހު އެވެ.

އެލްޖީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ކަމަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަސް ތެރޭގައި އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށާއި އެކަން ދެ ފަހަރެއްގެ މަތިން ސާޖިދަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އެންގުމާއި އެއްގޮތަށް އޭނާ އަމަލު ކުރައްވާފައިވާ ނުވާ ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައި ވެ އެވެ.

ސާޖިދު ސަސްޕެންޑުކޮށްފައިވަނީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި، އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލްގެ ދަށުން ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައިވެ އެވެ. އޭނާ ސަސްޕެންޑު ކުރީ ތިން މަހަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.

އެ އޮތޯރިޓީން ވަނީ ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރެވެންދެން، ކައުންސިލްގެ ހިންގުން އެ ކައުންސިލްގެ މެމްބަރު އަހުމަދު ސަމީރާ ހަވާލުކޮށްފަ އެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތާއީދު ކޮށް ބަޔާން ނެރުމާއި ގުޅިގެން މިދިޔަ މާޗް މަހުވެސް ތިން މަހަށް ސާޖިދު ސަސްޕެންޑު ކުރި އެވެ. އެފަހަރު ސާޖިދު އާއި އެކު ރަޝީދުވެސް ސަސްޕެންޑު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް