ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ބަސްފުޅާއި ދެކޮޅު ނެހެއްދެވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ ފުރަތަމަ އުފެއްދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ދޫކޮށްލެއްވި ކަމަަށް އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ޑރ. މަޖީދުގެ ހަނދާނުގައި ރޭ ހެޔޮއެދިވަޑައިގެންނަވާ ފަރާތްތަކުން ބޭއްވި ތައުބީރުގެ ޖަލްސާގައި އެމަނިފާނާއި އެކު މިނިސްޓަރެއްގެ ގޮތުން ކުރެވުނު ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ. އަސްލަމް ވިދާޅުވީ ދީނީ އިލްމުން ނޭގޭތީ އެކި ކަންކަމާއި ގުޅޭގޮތުން ޑރ. މަޖީދާއި ސުވާލެއް ކުރައްވައިގެން ދުވަހަކުވެސް އެއްޗެއް އޮޅުން ނުފިލާ ނެތްކަމަށެވެ.
އަސްލަމް ވިދާޅުވީ ކެބިނެޓުގައި މަޝްވަރާ ކުރެވުނު ކޮންމެ ކަމަކާއި ބެހޭގޮތުން ސާބިތު ކަމާއި އެކު ފަސް ޖެހުމެއް ނެތި އެކަމުގައި އިސްލާމް ދީނުގައި އޮންނަ ގޮތް ނުވަތަ ދީނުގައި އަމަލު ކުރަން ޖެހޭ ގޮތް ޑރ. މަޖީދު ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެގޮތުން އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ބޭރުގެ ކުންފުންޏަކުން ސަރުކާރަށް ހުށަހެޅުމުން އެކަމާ ގުޅޭގޮތުން ވަރަށް ދިގު ބަހުސްއެއް ކުރެވުނު ކަމަށެވެ.
ގިނަ އިރުތަކަކަށް ދެމިގެން ދިޔަ އެ ބަހުސް އާއި ގުޅޭގޮތުން ޑރ މަޖީދު ވިދާޅުވީ އެންމެ އެއްޗެއް ކަމަށާއި އެއީ ތިޔަ މަޝްރޫއިން ރާއްޖޭގައި ކަސީނޯ އާންމުވެގެން ދާނެ ކަމަށް ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސޯދު ބުނާވެފައި އޮންނަން ޖެހޭނީ އިސްލާމީ ހަމަތަކުގެ މަތީގައި ކަން އެ ދުވަހު ޑރ. މަޖީދު ވިދާޅުވި ކަމަށެވެ.
"ކޮންމެ ވަގުތެއްގައި ވެސް ވިދާޅުވާން ޖެހޭ އެއްޗެއް ސާފުބަހުން ވިދާޅުވެ ދެއްވި. ސިޔާސީ ކަންކަމާ ދޭތެރޭ ދެކިވަޑައިގަތީ ދިވެހިރާއްޖެ ކަހަލަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ސިޔާސަތުތައް ބައްޓަން ވެފައި ހުންނަން ޖެހޭނީ ދީނީ ހަމަތަކުގެ މަތީގައި ކަން. ޑރ މަޖީދުގެ ބަސްފުޅު ގަބޫލު ކުރައްވައި އެ މަޝްރޫއުގެ ވާހަކަ އެ ހިސާބު ދެއްކުން ހުއްޓާލިން،" ކުރީގެ މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ބަދަލު ތަކެއް ގެންނަން ބޭރުގެ ކުންފުންޏަކުން ހޯދި ލަފާތަކެއްގެ އެހީގައި ކުރެވުނު މަޝްވަރާތަކެއްގައި ރާއްޖޭގައި ބޭނުން ކުރާ "ސަނީ ސައިޑް އޮފް ލައިފް" ސްލޯގަށް ބަދަލު ގެންނަން ނިންމި ކަމަށެވެ. އަދި ހުށަހެޅުނު ނަން ތަކުގެ ތެރެއިން "މޯލްޑިވްސް މޭޑް އިން ނޭޗާ" އެ ނަމަން ބަދަލު ނުކުރީ ޑރ މަޖީދުގެ ބަސްފުޅަށް ކަމަށެވެ.
އަސްލަމް ވިދާޅުވީ ޑރ މަޖީދު ވިދާޅުވި ގޮތުގައި އެ ސްލޯގަންއިން ބޮޑަށް ދޭހަވަނީ ރާއްޖެއަކީ އަމިއްލަ އުފެދިފައިވާ ގައުމެއް ކަމަށާއި ﷲގެ ކުޅަދުންވަންތަކަމުން އުފެއްދެވި ގައުމެއް ނޫން ކަމަށެވެ. އެހެންވެ އެ ސްލޯގަން ބޭނުން ނުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޑރ މަޖީދާއި ގުޅޭގޮތުން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ދަރިވަރުންގެ އިތުރުން އާއިލާގެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ. އެކަމަކު ސަރުކާރުގެ އެއްވެސް އިސްވެރިއަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ކުއްލި ގޮތަކަށް ސްޓްރޯކެއް ޖެހި ޖެހިގެން ސްރީލަންކާގައި ފަރުވާދެމުން ދަނިކޮށް ޑރ މަޖީދު އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް