މަންމަގެ އަގު ހުރި ނަސޭހަތާއި އެކު ޒިދާން ކުރިޔަށް ދިއުމުގެ އަޒުމުގައި!

ގދ. ތިނަދޫއަށް އުފަން ޒިދާން އިބްރާހިމް އަކީ މަރުޙޫމާ ޒިޔާދާ ނަޢީމްގެ ދޮށީ ދަރިފުޅެވެ. ޒިޔާދާ އަކީ ކާކުކަން ދިވެހި އެއްވެސް ރައްޔިތަކު އަދި ހަނދާނެތް ނުނެތޭނެ އެވެ. ފިރިމީހާ އިބްރާހިމް ޝާހުގެ ޖިންސީ އ...

02 Jun 2017 | 15:13

ގދ. ތިނަދޫއަށް އުފަން ޒިދާން އިބްރާހިމް އަކީ މަރުޙޫމާ ޒިޔާދާ ނަޢީމްގެ ދޮށީ ދަރިފުޅެވެ.

ޒިޔާދާ އަކީ ކާކުކަން ދިވެހި އެއްވެސް ރައްޔިތަކު އަދި ހަނދާނެތް ނުނެތޭނެ އެވެ. ފިރިމީހާ އިބްރާހިމް ޝާހުގެ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ އެތައް ވޭނެއް އުފުލުމަށް ފަހު އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޒިޔާދާ ނިޔާވީ 2015 ޑިސެމްބަރު 28 ގައި އެވެ. ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ އޭރު ފުލުހުން ބުނެފައިވަނީ ޒިޔާދާ ނިޔާވެފައިވަނީ ލިބުނު ޖިންސީ އަނިޔާތަކާއި ގުޅިގެން ކަމަށެވެ. އަދި އެ އަނިޔާތަކުގެ ވާހަކަ ޒިޔާދާ ޑޮކްޓަރާއި ހިއްސާ ކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މުޅި ގައުމުގެ ސަމާލުކަން ހުއްޓުނު ހާދިސާއިން ދިރިއުޅުމަށް އައި ކުއްލި ބޮޑު ލޮޅުމުގައި ޒިދާން އާއި އޭނާގެ ދެ ކޮއްކޮ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތަފާތު އެތައް ތަޖުރިބާއެއް ކޮށްފި އެވެ. އަމިއްލަ ގެ އާއި ރަށް ދޫކޮށްލަން ޖެހި، މައިންބަފައިންނާ ނުލައި އެކި މީހުންގެ ގާތުގައި ދިރިއުޅެފި އެވެ. ދެ ފަރާތުގެ އާއިލާގެ އެހީތެރިކަމާއި ވިޔަފާރިވެރިއެއްގެ ދީލަތިކަމުން މަގުމަތި ނުވެ ސަލާމަތް ވިޔަސް، އެންމެ ފަހުން ތިން ބެއިން ވެސް އެކަކު އަނެކަކާ ވަކިވާން ޖެހުމަކީ ލިބުނު ބޮޑު ހިތްދަތިކަމެކެވެ.

މިހާރު އުމުރުން 18 އަހަރުގެ ޒިދާންގެ އަޒުމް ވަރަށް ވަރުގަދައެވެ. މަންމަގެ ވަކިވެދިއުން ޒިދާންގެ ދިރިއުޅުން މަޑުޖެހިލި ނަމަވެސް، މަންމަގެ އަގުހުރި ނަސޭޙަތްތަކުން ހިތްވަރު ލިބިގެން މިއަދު މި ޒުވާނާ ދަނީ ފޮޓޯގްރަފީގެ ދުނިޔޭގައި ފިޔަޖަހަމުންނެވެ.

" މަންމަ އަބަދުވެސް ބުނާނެ ކުރަން ބޭނުންވާކަމެއް ކުރުމަށް ފަސް ނުޖެހުމަށް. އެއީ ކިތަންމެ ދަތި ތަކަކާ ކުރިމަތިވި ކަމުގައި ވިޔަސް. ކުރަން ބޭނުންވާ ކަމެއް ފުރިހަމަ ނުވަނީސް އެކަމެއް ކުރަމުން ދިޔުމަށް. ކަމެއް ކާމިޔާބުވާނީ މަސައްކަތާއި ކެތްތެރި ކަމާއި އެކުގައިކަމަށް" ޒިދާން ބުންޏެވެ.

ފޮޓޯގްރަފީ ދާއިރާ ހިޔާރު ކުރީ ކީއްވެ.؟

ޒިދާން ބުނި ގޮތުގައި އެންމެ ކުޑައިރުވެސް ކުރިޔަށް ދާން ބޭނުންވީ ފޮޓޯ ނަގާ މީހަކަށް ވަށެވެ..

" މި ކެރިއަރ ޗޫޒް ކުރީ ޒިދާން އެންމެ ކުޑައިރުން ފެށިގެން އެންމެ ކުރާ ހިތްވާ ކަމަށް ވާތީ. ފޮޓޯގްރާފީ އަކީ ޒިދާން ކުރާހިތުން ފޫހިނުވެ ކުރާކަމަކަށް ވެފަ، ޒިދާން މުޅި ދުވަހު ފޮޓޯ ނެގިޔަސް ޒިދާންއަށް ފޫހި ނުވެ ކުރެވޭނެ ކަމަކަށް ވާތީ ފޮޓޯގޮރަފީ ކެރިއާ އަކަށް ޗޫޒް ކުރީ. ވަރަށް ކުރާހިތުން މިކަން ކުރަނީ. ގިނަ މީހުންނަކަށް ޒިދާން މިއީ ކާކު ކަމެއް ނޭގިދާނެ. އެކަން ﷲގެ އިރާދަފުޅާއި އެކު ކުރިއަށް އޮތް ތަނުގައި ޒިދާން އަކީ ފޮޓޯގްރަފީ ދާއިރާއިން މީހުން ދަންނަ ރަނގަޅު މޮޅު ފޮޓޯގްރާފަރަކަށް ވާނަން "

ފުރަތަމަ ކެމެރާއެއް ލިބުނީ ކިހިނެއް.؟

ފުރަތަމަ ކެމެރާއެއް ލިބުނު ގޮތުގެ ވާހަކަ ޙިއްސަ ކުރަމުން ޒިދާން ބުނީ ފުރަތަމަ ކެމެރާއެއް ހޯދީ ވަޒީފާ އަކަށް ގޮސްގެން ލިބުނު މުސާރައިން ކަމަށެވެ. ފޮޓޯ ނަގަން ޒިދާން ދަސްކުރީ އަމިއްލައަށް މީހެއްގެ އެހީތެރި ކަމާއި ނުލައެވެ.

އެކަމަކު މިދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ނަގާފައި ފޮޓޯތައް އަބަދުވެސް ބަލާކަމަށް އޭނާ ބުންޏެވެ. އަދި އެ މީހުން ފޮޓޯ ނެގުމުގައި ގެންގުޅެފައި ހުންނަ އުކުޅުތަކާއި ފޮޓޯ ނަގާ ގޮތް ބަލައި އަމިއްލައަށް ފޮޓޯ ނަގާއި އިރު އެ އުކުޅުތައް ބޭނުން ކުރެ އެވެ.

" އެންމެ ފުރަތަމަ ދަސްކުރި ހަމަ ކެމެރާއި ކުޅެ ކުޅެ. ދަސްކުރަން އުޅެންޏާ ކޮންމެ ކަމެއްވެސް ދަސްވާނެ. އެތަށް ފަހަރަކު ހަޑި ފޮޓޯތައް ނެގިން. ނަމަވެސް އުންމީދަކަށް ވީ މިކަން ޒިދާން އަށް ވާނެއޭ. އެންމެ ފަހުން ޒިދާންއަށް ކެމެރާގެ ހުރިހާ އެއްޗެއް ދަސްވެ، ރަނގަޅު ފެންވަރެއްގެ ފޮޓޯގޮރާފާ އަކަށް ވުން. އަދި ޒިދާން ނަގާ ފޮޓޯ ތަކަކީ ރީތި ރަނގަޅު ފޮޓޯ ތަކަކަށްވުން."

" މަންމަގެ ވަކިވެދިޔުމަށްފަހު ދިރިއުޅުން މަތިން ފޫހި ވެފަ ހުރި ޒިދާން އާ އުންމީދު ތަކާއި އެކު ކުރިއަށް މިދަނީ މަންމަގެ އުންމީދުތަކުގައި ކުލަ ޖައްސަން"

"މަންމަގެ ހުރިހާ އުންމީދު ތަކެއް ހަޤީގަތަކަށް ޒިދާން ހަދާނަން. ޒިދާން ކުރާ ކޮންމެ ކަމަކީ މަންމަގެ އުންމީދުތަށް ފުރިހަމަ ކުރުމަށް ކުރާކަމެއް. މަންމަގެ އެ ފޮނި ހުވަފެންތައް ހަޤީޤަތަކަށް ހެދުމަކީ ޒިދާންއަށް މިހާރު މަންމައަށް ކޮށްދެވޭނޭ އެންމެ ބޮޑު އަދި އެންމެ ރަނގަޅު ކަންތައް. މަންމަ މި ދުނިޔޭގަ ނެތަސް އަދިވެސް އެ މަންމަގެ ނަސޭޙަތްތަކާއި މަންމަގެ ވާހަކަތަށް ޒިދާން ގެ ހިތުގަ ތެރޭގަ ބިންވަޅު ނެގިފައިވޭ. މަންމަގެ އެ ބަސްތަކާއި ނަސޭޙަތްތައް ޒިދާންގެ ހިތަކުން ފިލައިގެން ނުދާނެ ދުވަހަކުވެސް." ޒިދާން ބުންޏެވެ.

މިހާތަނަށް ނެގިފައިވާ އެންމެ ޚާއްސަ ފޮޓޯ

ޒިދާން ބުނާ ގޮތުގައި މިހާތަނަށް ޒިދާން އަށް ނެގިފައިވާ އެންމެ ޙާއްސަ ފޮޓޯ އަކީ އެނާގެ މަންމަ މަރުޙޫމާ ޒިޔާދާ ގެ ފޮޓޯ އެކެވެ. ނަމަވެސް މިހާރު އެ ފޮޓޯ ޒިދާން ގެ އަތަކު ނެތެވެ. ދެން ޒިދާންއަށް ނެގިފައިވާ އެންމެ ޚާއްސަ ފޮޓޯ އަކި މި އެވެ.

މި ކުއްޖާއަކީ އެ ކުއްޖަކަށްޓަކައި ޒިދާން އޭނާގެ މުޅި ދިރިއުޅުން ޤުރުބާން ކުރަންވެސް ފަސްނުޖޭނޭ އަންހެން ކޮއްކޮ މަރިޔަމް ޒިޔުނީ އިބްރާހިމް އެވެ.

" މި ފޮޓޯ ޒިދާންއަށް ޚާއްސަވީ ތި ފޮޓޯގަ ތި ހުރީ ޒިދާން މި ދުނިޔެމަތީގައި މަންމަ ފިޔަވައި ދެން އެންމެ ލޯބިވާ ފަރާތް ކަމަށްވާތީ. ޒިދާން އަށް ނެގުނު ކޮއްކޮ ގެ އެންމެ ފުރަތަމަ ފޮޓޯ އަކީ ތިއީ. އަދި ތި ފޮޓޯ އަކީ ކޮށްކޮ ގެ އުފަންދުވަހު ޒިދާން ނެގި ފޮޓޯ އެއް. އަދި ތި ފޮޓޯއިން ޒިދާން އަށް ކޮއްކޮގެ މޫނުމަތިން މަންމަ ސިފަވޭ. ތި ފޮޓޯ އެހާ ހާއްސަވި ސަބަބަކީ އެއީ. އަދި ކޮއްކޮ ގެ އެ ހިނިތުންވުން އަބަދުވެސް އެ ގޮތުގަ ހުރުމަކީ ޒިދާން އެންމެ ބޭނުންވާ ކަންތައް.

ޒިދާން ބުނި ގޮތުގައި ޒިދާން މިކަން ކުރަނި އާމްދަނީ ހޯދުމުގެ ގޮތުގައިވެސް މެއެވެ. އެ ލިބޭ އާމްދަނި އިން ޒިދާން ކުރަން ބޭނުންވަނީ ކޮންކަމެއްތޯ އެހުމުން ޒިދާން ބުނީ ބޭނުންވަނީ އޭނާގެ ދެ ކޮއްކޮ ގޮވައިގެން އުފާވެރި ދިރިއުޅުމެއް އުލެންކަމަށެވެ.

" މިކަން ކޮށްގެން ލިބޭ އެއްޗަކުން ޒިދާން ބޭނުންވަނީ ދެ ކޮއްކޮ އާ އެކި އުފާވެރި ދިރިއުޅުމެއް އުޅެން. އެ ދެ ކޮއްކޮ އުފަލުގަ އުޅޭތަން ދެކުމަކީ ޒިދާން އެންމެ ބޭނުންވާ ކަންތައް. އިރާދަ ކުރެއްވިއްޔާ މަންމަގެ އެ ވަޞިއްޔަތް ފުރިހަމަ ކުރާނަން. މަންމަ ބުނީ ޒިޔާން އާއި ޒިޔުނީ އަށް ބެލުމަކީ އެއީ ޒިދާންގެ ޒިންމާއެކޭ. ޒިދާން އެ ދެމީހުން އުފަލުގަ ބައިތިއްބަ ދޭށޯ. މަންމަ ނެތަސް ޒިދާންއަށް އެ ކަންތަށް ކުރެވޭނޭ،" ޒިދާން ބުންޏެވެ..

ޒިދާން ބުނި ގޮތުގައި މި ދާއިރާއަކީ ރާއްޖޭގައި ކުރަން ފުރުސަތު އޮތް ދާއިރާއެކެވެ. ޚާއްސަކޮށް ނޫސްވެރިކަން އަދި ޓޫރިޒަމް ދާއިރާގެ ތެރޭގައެވެ.

ޒިދާން ސިފަ ކުރާ ގޮތުގައި ފޮޓޯގްރަފި އަކީ ކުރެވޭ އިހުސާސެއް އަދި އެކަން ކުރާއިރު ވަރަށް މަޖާކުރެވޭ، މިނިވަންކަމާއި އެކު ކޮށްލެވޭ ކަމެކެވެ. އަދި މިއީ ގިނަ ފަރާތްތަކާއި ދިމާވެ ވަރަށް ގިނަ ތަޖުރިބަތަށް ކުރެވޭ ދާއިރާއެކެވެ.

ޒިދާން ބުނި ގޮތުގައި އޭނާ އަންނަނީ މި ދާއިރާގައި ހިންގަން ބިޒްނަސް ޕްލޭންއެއް ރާވަމުންނެވެ. އެހެންނަމަވެސް އަދި ބޭނުން ވަނީ އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ.

" ޒިދާން މިދަނީ މި ދާއިރާއަށް ބިޒްނަސް ޕްލޭންއެއް ރާވަމުން. ނަމަވެސް ބޭނުންވަނީ އަދި އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން. "

ޒިދާން ބުނާ ގޮތުން، ކުރިއައްއޮތް ތަނުގައި ޒިދާން ބިޒްނަސް ފީލްޑް އިން ފެނިގެންދާނެއެވެ. އެ ދުވަހަކުން އެންމެނަށް ޒިދާންގެ ބިޒްނަސް ޕްލޭންއާއި ހުރިހާ އެއްޗެއް އެނގިގެން ދާނެ އެވެ..

 "މިކަމުގައި އެންމެ އެހީތެރިވެދިނީ މަންމަ"

" އެންމެ އެހީތެރިވެދިނީ ޒިދާން އަށް ޒިދާންގެ މަންމަ. ދެން ޒިދާންއަށް އެކި ފޮޓޯގޮރާފަރުން އެހީ ވި. އެގޮތުން ބަލާއިރު އަހުމަދު ޤިޔާސް، ޔާމިން ވަހީދު ފާހަގަކޮށްލަން ބޭނުން. އަދި އެ ދެ މީހުންނަށް ޝުކުރުވެސް އަދާ ކުރަން ބޭނުން. އަދި ޒިދާންއަށް ފޮޓޯގްރަފީ ބިޒްނަސް ކުރިޔަށް ގެންދިޔުމަށް އެންމެ ބޮޑަށް އެހީވެދެނީ އަހުމަދު ރިއްފަތު މުހަންމަދު( ރިއްޕެ).

ޝުކުރުއަދާ ކޮށްލަން ބޭނުންވަނީ...

" ޝުކުރު އަދާ ކޮށްލަން ބޭނުންވަނީ އެންމެ ފުރަތަމަ ހެއްދެވި ފަރާތަށް. ދެން ޒިދާންއަށް މިކަމުގެ ތެރެޔަށް ވައްދަން އެންމެ އެހީވި އަޅުގަނޑުގެ ލޯބިވާ މަންމައަށް. ދެން ޒިދާންއަށް މި ދާއިރާއަށް ވަންނަން ފުރުސަތު ހޯދައިދިން ޒިދާންގެ ބޭބެއެއް ކަމަށްވާ އަބްދުﷲ ބާޞިތް ( ބާޞިތްބެ) އަށް. ދެން ޒިދާނަށް ވަރަށް ގިނަ އެއްޗެހި ދަސްވެގެން ދިޔަ ޔާމިން ވަހީދް އަދި އަހުމަދު ޤިޔާސްގެ ފަރާތުން. އެހެންކަމުން މި ފުރުސަތުގައި އެ ދެ ބޭފުޅުންނަށްވެސް ޝުކުރުއަދާ ކުރަންބޭނުން. ދެން ޝުކުރުއަދާ ކުރަން ބޭނުންވަނީ ޒިދާންގެ މިހާރު ފޮޓޯގްރަފި ބިޒްނަސް ގަ ޒިދާންއަސް އެކި ގޮތް ގޮތުން އެހީތެރިވެ، އެހީވަމުންދާ ފަރާތެއް ކަމަށްވާ އަހުމަދު ރިފްޢަތު މުހަންމަދު އަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރަން ބޭނުން. ރިފްޢަތް އަކީ ޒިދާނަށް ވަރަށް އެހީތެރިވެދޭ މީހެއް. އެއީ މިހާރު ފޮޓޯގްރަފީ ބިޒްނަސްއެއް ހިންގިޔަސް، ޒިދާން އެންމެ އިތުބާރު ކުރާނެ މީހާ." ޒިދާން ބުންޏެވެ.

ޒިދާންގެ ފޮޓޯތަށް ބަލަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޮޓޯ ބެލޭނެއެވެ.

https://www.facebook.com/DHERNPHOTOS/

ޒިދާންގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށް ވުމެވެ.

"ދުވަސް" ޓީމްގެ ފަރާތުން ޒިދާންއަށް އެދެނީ އަބަދުވެސް ކާމިޔާބީ ކުރިއެރުމަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް