އައްޑޫ އާއި ފުވައްމުލަކުގަ ދަތުރުފަތުރުގެ ހިދުމަތް ދޭން އެމްޕީއެލްއާއި ހަވާލުކޮށްފި

އައްޑޫ އާއި ފުވައްމުލަކުގަ އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިއަދު ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ...

02 Jun 2015 | 13:38

އައްޑޫ އާއި ފުވައްމުލަކުގަ އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިއަދު ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މަހުދީ އިމާދެވެ.

އެމްޕީއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިޔާތެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫގެ ދަތުރުފަތުރުގެ ނިޒާމް މިހާރުއްސުރެ ފެށިގެން ވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމްޕީއެލްއިން ދީފައިވާ ކަމަށެވެ. އަދި އެމްޕީއެލްއާއި މި ހިދުމަތް ފޯރުކޮށްދިނުމަށް ހަވާލު ކުރީ އެ ކުންފުނިން ގެންގުޅޭ ތަސައްވުރު ރަނގަޅު ކަމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޖުނައިދު ވިދާޅުވީ އަންނަ ރޯދަ މަހުގެ ކުރިން ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް އައްޑޫގައި ދޭން ފަށާނެ ކަމަށެވެ. އައްޑޫގައި ބައެއް ފަރާތްތަކުން މިހާރު ދުއްވާ ބަސް ވަގުތީ ގޮތުން ބޭނުން ކުރަން ފެށި ނަމަވެސް އާ ބަސްތަކެއް އެ ކުންފުނިން ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްއިން ބުނީ އެކުންފުނިން ބަހުގެ ހިދުމަތް ދޭނީ އޭސީކޮށްފައިވާ ބަހުގައި ކަމަށެވެ. ނަމަވެސް ބަހުގެ ފީއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ހިދުމަތުގައި ބޭނުން ކުރަން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހަތަރު ބަސް، ހުޅުމީދޫގައި ދެ ބަސް އަދި ފުވައްމުލަކުގައި ދެ ބަސް ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.

އައްޑު އާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެމްވީކޭއާ ހަވާލުކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ މިދިޔަ މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް