މެންބަރުންގެ އަދަދަށް ބަލައި މިއަހަރުވެސް އެންމެ ގިނަ ފައިސާ އެމްޑީޕީއަށް

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން މެމްބަރުންގެ އަދަދަށް ބަލައި މި އަހަރު ވެސް އެންމެ ގިނަ ފައިސާ އެމްޑީޕީ އަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. ޕާޓީތަކަށް ފައިސާ ދ...

02 Jun 2015 | 10:17

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން މެމްބަރުންގެ އަދަދަށް ބަލައި މި އަހަރު ވެސް އެންމެ ގިނަ ފައިސާ އެމްޑީޕީ އަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ޕާޓީތަކަށް ފައިސާ ދޫކުރަނީ މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް އެ ޕާޓީއެއްގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ވެފައިވާ އަދަދަށް ބަލައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިގޮތުން މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީ އަށް 7،058،586ރ. ދޭން ނިންމައިފަ ވާކަމަށެވެ. މިދިޔަ އަަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިލެކްޝަންސްގެ ދަފްތަރުގައި އެމްޑީޕީގެ 46،608 މެމްބަރުން ތިއްބެވެ.

ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ދޫކުރަން ނިންމާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމަށެވެ. ޕީޕީއެމްއަށް 5،487،790ރ. ދޭން ނިންމާފައިވާއިރު އިލެކްޝަންސްގެ ދަފްތަރުގައި އެ ޕާޓީގެ 36،236 މެމްބަރުން ތިއްބެވެ.

ތިން ވަނަ އަށް އެންމެ ގިނަ ފައިސާ ދޫކުރަން ނިންމާފައިވަނީ ޑީއާރުޕީއަށެވެ. އެ ޕަޓީގެ ރަޖިސްޓްރީގައި 14،750 މެމްބަރުންތިބި އިރު 2،233،852ރ. ޑީއާރުޕީއަށް ދޭން ވަނީ ނިންމާފަ އެވެ.

ޖުމްހޫރީ ޕާޓީގައި ތިބި 13،990 މެމްބަރުންގެ ނިސްބަތަށް ބަލައި އެ ޕާޓީ އަށް ދޫކުރަން ނިންމާފައި ވަނީ 2،118،762ރ. އެވެ. އަދާލަތު ޕާޓީގައި 9،009 މެންބޒރުން ތިބުމުން ދޫކުރަން ނިންމާފައި ވަނީ 1،364،375ރ. އެވެ.

އެމްޑީއޭގައި ތިބި 7،666 މެމްބަރުންގެ ނިސްބަތުން އެ ޕާޓީ އަށް ދޫކުރަން ނިންމާފައި ވަނީ 1،160،983ރ. އެވެ. އެންމެ މަދުން މެމްބަރުން ތިބި އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) އަށް 325،305ރ. ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ ޕާޓީގައި ތިބީ 2148 މެމްބަރުންނެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަން ކަނޑައަޅާފައި ވަނީ 20،869،839ރ. އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ހަފުތާގެ ތެރޭގައި ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް