ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު 4 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ދަޢުލަތުން އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތުވުމާ ގުޅިގެން އިއްޔެ ޙުކުމްކޮށްފައިވަނީ މާލެ، ދަފްތަރު ނަމްބަރު 3607، އަޙްމަދު ޖުނައިދު (28އ) ގެ މައްޗަށެވެ.
ދަޢުލަތުން އޭނާގެ މައްޗަށް މިދަޢުވާ އުފުލާފައިވަނީ، 2011 ޑިސެމްބަރު 16 ވަނަ ދުވަހުގެ 20:45 ހާއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމުން، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، ހެކިންގެ ހެކިބަހުން މި ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ. އެެހެންކަމުން ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުން އަޙްމަދު ޖުނައިދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިއީ މިބާވަތުގެ ކުށެއް އަޙްމަދު ޖުނައިދުގެ މައްޗަށް ސާބިތުވި ފުރަތަމަފަހަރު ކަމަށްވާތީ، ފުލުހުންގެ ޤާނޫނުގެ ދަށުން 4 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ޤާޟިއްޔާގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް