މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް ދުވަސްވަރުކަމުން އިހްތިޖާޖުތައް ކުރިއަށްގެންދިއުމުގައި އަޑުގަދަ ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެޗްއާރްސީއެމްއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިރޭ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެޗްއާރްސީއެމްގެ އެ ނޫސްޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ބޭނުންކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަނެ ހައްގުތަކަށް އިހުތިރާމްކުރުމަކީ މުޖްތަމައުގެ ހަމަޖެއްހުމަށްޓަކައި މުހިންމުކަމެއް ކަމަށެވެ.
"މިފަދަ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވާ މީހުންނާ އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކަށް ދަތިނުވާނެގޮތަކަށް އެއްވުންތައް ހަމަޖެއްސުމަށް މަސައްކަތްކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަން، ހަމައެހެންމެ، މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނު ދުވަސްވަރުކަމުން، މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން އިލްތިމާސްކުރަން، އަދި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށްގެންދިއުމަށް މި ކޮމިޝަނުން ގޮވާލަން" އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
މީގެ އިތުރުން މުޒާހަރާ ރޫޅާލުމގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ޢަމަލުކުރަންޖެހޭ އިޖުރާއަތްތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ކޮމިޝަނުން ދަންނަވާކަމަށާއި އެފަދަ އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް ގޮވާލާކަމުގައިވެސް އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެއްވެ އުޅުމުގެ ޤާނޫނުން މަނާކުރާ ކަންތައްތައް ކުރުމުން ދުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި ދިފާއީ ބާރުތަކާއި އަދި އާންމުންނަށް މި އިލްތިމާސްކުރާކަމަށްވެސް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް