ޒުވާނުންގެ އިހުތިޖާޖު މަޖީދީ މަގުގައި ކުރިއަށް ނުގެންދެވޭނެކަން ފުލުހުން އަންގައިފި

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން "ނުހުއްޓުވޭނެ" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖު މަޖީދީމަގުގައި ކުރިއަށް ނުގެންދެވޭނެކަން ދިވެހި ފުލުހުން އަންގައިފިއެވެ. ފުލުހުން މިކަން އަންގާފަ...

02 May 2025 | 14:59

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން "ނުހުއްޓުވޭނެ" ނަމުގައި ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖު މަޖީދީމަގުގައި ކުރިއަށް ނުގެންދެވޭނެކަން ދިވެހި ފުލުހުން އަންގައިފިއެވެ.

ފުލުހުން މިކަން އަންގާފައިވަނީ މިރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި މި ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ކަނޑައަޅައި އާންމުކޮށް އިޢުލާނުކޮށްފައިވާ ތަންތަނުގައި އެކަނިކަން ބަޔާންކޮށްފައިވާއިރު މިރޭ ހޯމް މިނިސްޓްރީ އިން ނެރުނު އިޢުލާނާއި އެއްގޮތަށް ލިޔުމުން ހުއްދަ ނުހޯދައި އިހުތިޖާޖުތައް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އާއި އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ.

"އެގޮތުން ޤާނޫނާ ޚިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ޤާނޫނީ ބާރުގެ ބޭނުންކޮށް، އެއްވުން އިންތިޒާމު ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުން ގެންދާނެވާހަކަވެސް ދަންނަވަމެވެ." ފުލުހުން ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރިއަށްގެންދާ އިހުތިޖާޖުގެ ސަބަބުން، އެ މަގު ބަންދުވެ،އާންމު ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި، އިމަޖަންސީ ޚިދުމަތްތަކަށާއި، ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލް އިމްތިހާނުތަކަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ދިވެހި ފުލުހުންނަށް ދަނީ ލިބެމުން އަންނަ ކަމަށެވެ.

އެހެންކަމުން ސުލްހަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، އެއްވުންތަކާއި، ހިނގާލުންތައް ނުވަތަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކުގެ މައްޗަށް، އާންމު ރައްކާތެރިކަން ދެމެހެއްޓުމާއި އެހެން ފަރުދުންނަށް ލިބިދާ މަގު ބޭނުންކުރުމާއި، ދަތުރުފަތުރުކުރުމާއި އަދި އެކަންކަމާ ގުޅިފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވީ ހިނދު، ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ މިފަދަ އަސާސީ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގޮވާލާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް