ޒުވާނުންގެ އިހުތިޖާޖުން ރޭގައި ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ރޭގައި ބުނެފައިވާގޮތުގައި ރޭގެ އިހުތިޖާޖުގެ ތެރެއިން ނ. ކުޑަފަރީ، ބަގީޗާގެ، އުމުރުން 28 އަހަރުގެ، އަބްދުﷲ މަހްޒޫމް މާޖިދާއި ކ. މާލެ، މ. ހަސްތީ، އުމުރުން 19 އަހަރުގެ އާއިޝަތު ޝިމަން އަހްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
"މަޙްޒޫމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި" ފުލުހުން ބުނެފައިވެއެވެ.
ރޭގެ އިހުތިޖާޖު ރޫޅާލުމާއި ގުޅޭގޮތުން ފުލުހުން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީމަގުގައި، ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާގޮތަށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާ ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުނުކެނޑި ލިބެމުން ދިޔަ ކަމަށެވެ.
މިއަދަކީ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރު ދިނުމަށްފަހު، ރޭ ވަނީ އެ ހަރަކާތް ހުއްޓުވައި، އެއްވުން ރޫޅާލާފައިވާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް