ޔުމްނު އަށް އިންސާފަށް ގޮވާލައި ޒުވާނުން މާލޭގައި ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ މުޒާހަރާ ރޭގައި ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށްފަހު ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެކަމާއި ގުޅޭގޮތުން ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުންގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީމަގުގައި، ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާގޮތަށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާ ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުނުކެނޑި ލިބެމުން އަންނަކަމަށެވެ.
"މި އިހުތިޖާޖުގައި، މަޖީދީމަގުފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މިއަދަކީ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރު ދިނުމަށްފަހު، ރޭ ވަނީ އެ ހަރަކާތް ހުއްޓުވައި، އެއްވުން ރޫޅާލާފައިވާނެކަމަށެވެ.
އެއްވުން ރޫޅާލާފައިވާއިރު ރޭގެ އެއްވުމުގެ ތެރެއިން ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް