ވަޢުދުފުޅާއި އެއްގޮތަށް ބިލުތަކަށް ލުއި ނުދެވުނީތީ އެކަން ހައްލުކުރުމަށް ރައީސް އަންގަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކަރަންޓާއި ފެން ބިލުން ލުއި ނުދެވުނީތީ އެކަން ހައްލުކުރުމަށް ރައީސް އަންގަވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ އިސް ...

02 May 2024 | 16:26

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ކަރަންޓާއި ފެން ބިލުން ލުއި ނުދެވުނީތީ އެކަން ހައްލުކުރުމަށް ރައީސް އަންގަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވީ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވަޢުދެއް. ފެނާއި ކަރަންޓުބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށެވެ.

އޭގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގެވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި ކަމަށާއި މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ހަމަ އެހެންމެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު މިރޭ އިރާކޮޅު ވިދާޅުވެފައިވަނީ އެންމެ ފަހުން ބިލް ކުރެވުނު އޭޕްރީލް މަހުގެ ބިލްތަކުގައި ރަމަޟާން މަހުން ބައެއް ހިމެނި، ކަރަންޓު ބޭނުންކުރުން އިންތިހާއަށް އިތުރުވުމގެ ސަބަބުން ބޮޑުވެފައިވާ ކަރަންޓު ބިލަށް ލުއި ދިނުމަށް މާޗް މަހުގެ ބިލަށްވުރެ ބޮޑު ނުވާނެ ގޮތަށް އަލުން ބިލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް