ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ބައެއް ނޫސް އޭޖެންސީތަކުން ރިޕޯޓުކޮށްފިއެވެ.
އެގޮތުން އިންޑިއާގެ ޒީ ނެޓްވޯކުން ހިންގަމުން އަންނަ ވަޔޮން މީޑިއާގެ ނިއުސް ބުލެޓިންއެއްގައި ބުނެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގަންނަވާކަމުގެ މައުލޫމާތު އެ މީޑިއާއަށް ލިބިފައިވާކަމަށެވެ. އަދި މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިއަކު އިންޑިއާއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅުކަންވެސް އެ މީޑިއާއިން ފާހަގަކޮށްފައިވެއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި، ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާތައް ކުރެވިގެންދާނެކަމުގައި ގަބޫލުކުރާ ކަމަށާއި އަދި ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއިމެދުގައިވެސް އެ ޒިޔާރަތުގައި މަޝްވަރާކުރެވިގެންދާކަމުގައި ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.
މި މަހުގެ ނުވައެއްގައި މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ މީޑިއިން ބުނެފައިވާއިރު މި ހިނގާ މެއި މަހުގެ ދިހަވަނަ ދުވަހަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ ދުވަސްކަން ރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް