ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް މަރުހަބާ ކިޔާނެކަމަށާއި އެހެންނަމަވެސް ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެކަމެއް ނޫންކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވަނީ "މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި" މި ސުރުހީގެ ދަށުން ދިޔަރެސް ނޫހުގައި ސާއިޢުކުރި ހަބަރަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ސްޓެލްކޯއިން ބުނެފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށާއި އަދި، އެއީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއްވެސް ނޫންކަމަށެވެ.
"އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް އިލްތިމާސްކުރަމެވެ." ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއްކަން ފާހަގަކުރެވޭކަމަށެވެ.
"މި ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށް، މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރައްކަމުގައި ދެންނެވީމު، ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ، މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެ" ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭކަމަށާއި މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރާކަމަށްވެސް ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް