ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅު ބުރިކުރަން، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ގޮވާލި ގޮވާލުން ތަހުގީގު ކުރުމަށް ދިވެހި ފުލުހުންނަށް އިދިކޮޅުން ގޮވާލައިފިއެވެ.
އެގޮތުން ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ނެޝަނަލް ކޯލީޝަނުން މިކަމަށް ގޮވާލީ ޝިފާއުގެ އެ އަމަލު ހަށުކަށިކޮށް ކުށްވެރިކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލަކަށްވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤްކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލާކަމަށެވެ.
"ޝިފާއުއަކީ މިސަރުކާރު ދިފާޢުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު، އިބްރާހީމް މުހައްމަދު ސޯލިހަށާއި މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން އިބްރާހީމް މުޙައްމަދު ސޯލިހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ދަނީ ފާހަގަވަމުން، އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައިވެސް އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވަނީ ވިދާޅުވެފައި" އިދިކޮޅު ކޯލީޝަނުން ބުނެފައިވެއެވެ.
އެ ކޯލީޝަނުން އިތުރަށް ބުނެފައިވަނީ ރައީސް ޔާމީނަކީ މިކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކަމަށާއި ކަންމިހެން އޮތްއިރު، ސަރުކާރުގެ ނުފޫޒުން ހަރާން ހުކުމެއް ޖަހައި އަނިޔާވެރިވަމުންދާއިރު، ކުރިއަށް އޮތްތާ އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އޮތްކަން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުންގެ ބަސްމަގުން ސާފުވަމުންދާތީ، އެކޯލިކޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް