ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނީ ޔާމީނަށް: އިމްރާން

ރާއްޖޭގެ ޖަލެއްގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލ...

02 May 2023 | 07:00

ރާއްޖޭގެ ޖަލެއްގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް މަނީލޯންޑާ ކުރެއްވިކަން ސާބިތުވެ ރައީސް ޔާމީން ހުންނެވީ ކޮރަޕްޝަންގެ ދައުވާ ސާބިތުވެ،11 އަހަރަށް ޖަލަށް ލާފައި އެވެ. މީގެ ކުރިންވެސް ޖަލު ބަންދުގައި ހުންނެވި ޔާމީން މިފަހަރުވެސް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި އެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އިންސާނީ ހައްގާއި ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖަލުގައި މިހާތަނަށް އެންމެ ގިނަ ހިދުމަތް ދެވުނު ގައިދީއަކީ ޔާމީންކަން ކަރެކްޝަންސްގެ މުވައްޒަފުންނަށް އެނގިވަޑައިގެންނަވާނެ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ޔާމީނާއި މެދު އަމަލު ކުރާ ގޮތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެމްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަށް ވުރެ އަނިޔާވެރި ސަރުކާރެއް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަދަ އަނިޔާވެރި ހޯމް މިނިސްޓަރެއް ރާއްޖޭގެ ރައްޔިތުން ދެކިފައި ނުވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ފާހަނައިގެ އިތުރުން ސިޓިން ރޫމާއި ކޮޓަރި އަދި އެމަނިކުފާނަށް ހާއްސަކޮށްފައިވާ "ހޯލް" ގައި ވެސް ވަނީ ކެމެރާތައް ހަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް