ބްރިޖު މަސައްކަތުގައި ގެންގުޅު ބާޖު ފަރަށް ނާރާ ކަމަށް އެފްކޮންސްއިން ބުނެފި

ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި ގެންގުޅުނު ބާޖެއް ވިލިމާލޭ ފަރަށް އެެރި ކަމަށް ބުނެ ދެކެވޭ ވާހަކަ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއިން ދޮގުކޮށްފި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކ...

02 May 2023 | 06:24

ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި ގެންގުޅުނު ބާޖެއް ވިލިމާލޭ ފަރަށް އެެރި ކަމަށް ބުނެ ދެކެވޭ ވާހަކަ އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއިން ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވިލިމާލެ އުތުރު ފަރާތު ފަރު ކައިރީގައި އޮތީ، އެފްކޮންސްއިން ބްރިޖު މަސައްކަތުގައި ގެންގުޅޭ ބާޖެކެވެ. އެއީ ވިލިމާލޭގައި ވޯޓާ ސްޕޯޓްސް އަށް ބޭނުންކުރާ ބީޗު ސަރަހައްދުގެ ފަރު ކައިރި އެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މީޑިއާގައި ވިދާޅުވީ އެ ބާޖު ފަރަށް ނާރާ ކަމަށާއި އެކަން ޔަގީން ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބާޖުގެ އެއްފަރާތުގެ ނަގިލި ކަހާލައިގެން ފަރާ ވަރަށް ކައިރިއަށް ދިއުމުން ވަގުތުން ފަރާ ދުރަށް ޖެއްސި ކަމަށެވެ.

ޖިނާން ވިދާޅުވީ ފަރަށް ގެއްލުމެއް ނުވާކަން ޔަގީން ކުރުމުގެ ގޮތުން އެފްކޮންސްގެ ޑައިވަރުން ވިލިމާލޭ ފަރުގެ ސަރަހައްދު މިހާރު ބަލަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ތިލަމާލޭ ބްރިޖު މަސައްކަތުގައި ގެންގުޅުނު ޕްލެޓް ފޯމެއް ވިލިމާލޭ ފަރަށް އަރާފައިވެ އެވެ.12 ދުވަސް ފަހު އެ އުޅަނދު ފަރުމަތިން ނެގުނު އިރު ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި އެވެ.

ލިބުނު ގެއްލުންތައް އީޕީއޭ އިން ބެލުމަށް ފަހު އެ ފަހަރު އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. މިހާތަނަށް އެ ފައިސާ ދައްކާފައި ނުވާއިރު އެ ކުންފުނިން ވަނީ އެ ޖޫރިމަނާ އެންވްޔަރަމެންޓު މިނިސްޓަރަށް އިސްތިއުނާފަށް ހުށަހަޅާފައި އެވެ.

އެކަމަކު އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ޖޫރިމަނާ މައާފު ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް