ސްޕެނިޝް ކޮޕަ ޑެލް ރޭ ގެ ފޯރިގަދަ ފައިނަލް މެޗު އާދީއްތަ ދުވަހު މީޑިއާނެޓުން

1903 ވަނަ އަހަރު ތަޢާރަފް ކުރެވުނު ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ މުބާރާތް "ސްޕެނިޝް ކޮޕަ ޑެލްރޭ"ގެ މި ސީޒަންގެ ފައިނަލް މެޗު މެއި 7 ވާ އާދީއްތަ ދުވެހު ކުޅޭނެއެވެ. ދަންވަރު 1 ޖަހާއިރު ފަށާ...

02 May 2023 | 04:38

1903 ވަނަ އަހަރު ތަޢާރަފް ކުރެވުނު ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ މުބާރާތް "ސްޕެނިޝް ކޮޕަ ޑެލްރޭ"ގެ މި ސީޒަންގެ ފައިނަލް މެޗު މެއި 7 ވާ އާދީއްތަ ދުވެހު ކުޅޭނެއެވެ. ދަންވަރު 1 ޖަހާއިރު ފަށާ މި މެޗު މީޑިއާނެޓުން ޓީވީ އަދި ފޯން އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗުވެސް ވަނީ މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ގެނެސްދީފައެވެ. މިއަހަރުގެ ފޯރިގަދަ ފައިނަލް މެޗުގައި ވާދަކުރާނީ ސްޕެނިޝް ފުޓުބޯޅައިގެ ރަސްގެފާނު ރިއާލް މެޑްރިޑް އަދި ތާރީޚުގައި ދެވަނަ ފަހަރަށް މި މުބާރާތުގައި ވާދަ ކުރާ ކްލަބް އޮސަސޫނާއެވެ.

ރިއާލް މެޑްރިޑް

ސްޕެނިޝް ފުޓުބޯޅައިގެ ދެވަނައެއް ނެތް ގަދަބާރު ރިއާލް މެޑްރިޑް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވާދަވެރި ބާސެލޯނާ އާއި ދެ ލެގު ކުޅެ ކުރި ހޯދައިގެންނެވެ. އެލް ކްލެސިކޯގެ ނަމުން މަޝްހޫރު މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ. ނަމަވެސް ސެމީ ފައިނަލް ދެވަނަ ލެގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި އެ ޓީމު ކޮޅަށް 4 ލަނޑު ޖަހާ ރިއާލް މެޑްރިޑުން ވަނީ ބާސެލޯނާގެ މައްޗައް އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން ކުރި ހޯދާ ފައިނަލަށް ދަތުރު ކޮށްފައެވެ.

ރިއާލް މެޑްރިޑުން މި މެޗާ ކުރިމަތި ލާނީ 20 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ. މިވަގުތު ޗެމްޕިއަންސް ލީގުގެ ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ރިއާލް މެޑްރިޑް އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއަރ އަދި ފްރާންސްގެ ގޯލާއި ރައްޓެހި ފޯވަޑް ކަރީމް ބެންޒީމާގެ ކުޅުން ފާހަގަކޮށްލެވެއެވެ.

އޮސަސޫނާ

އޮސަސޫނާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގިނަ ބަޔަކު ސިއްސުވާލުމަށްފަހުއެވެ. ކުއާޓަރ ފައިނަލް އަދި ސެމީ ފައިނަލުގައިވެސް އޮސަސޫނާ ކުޅެން ޖެހުނީ ސްޕެއިން ފުޓުބޯޅައިގެ ވަރުގަދަ ޓީމުތަކާއެވެ. ކުއާޓަރ ފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ސެމީ ފައިނަލުގައި ވާދަ ކުރަންޖެހުނީ މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމު އެތްލެޓިކް ކްލަބާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޮސަސޫނާއިން ވަނީ އަމިއްލަ ދަނޑުގައި އެތްލެޓިކް ކްލަބް އަތުން 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. ދެވަނަ މެޗު 1-1 އިން އެއްވަރު ވުމުން އެގްރިގޭޓުން 2-1 ނަތީޖާއަކުން ކުރި ހޯދާ އޮސަސޫނާއިން ވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މީގެ ކުރިން އޮސަސޫނާ މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ހަމައެކަނި 2005 ވަނަ އަހަރުއެވެ. އެ އަހަރު އެޓީމަށް ފައިނަލުގައި ބަލިވެ ލިބުނީ ދެވަނައެވެ. އެހެން ކަމުން މިއަހަރުގެ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ޓީމުގެ ކުޅުންތެރިން ނިކުންނާނީ ވަރުގަދަ ޖޯޝަކާއި އަޒުމެއްގައިކަން ޔަގީނެވެ. އަދި ޓީމުގެ ސަޕޯޓަރުންވެސް އަންނަނީ މި މެޗަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ރިއާލް މެޑްރިޑް އަދި އޮސަސޫނާ ބައްދަލުކުރާ މި ފައިނަލް މެޗު ޚާއްސަވާ އެހެން ސަބަބެއްވެސް އެބަ އޮތެވެ. ފާއިތުވި އަހަރު ގަތަރުގައި ކުޅެވުނު ވޯރލްޑް ކަޕުގައި ބޭނުންކުރެވުނު ސެމީ-އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ސްޕެއިންގެ ފުޓުބޯޅަ މެޗެއްގައި ބޭނުންކުރާނެއެވެ. މި ޓެކްނޮލޮޖީގެ އެހީގައި މެޗުގެ ވީޑިއޯ އޮފިޝަލުންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކު ކުޅުންތެރިން އޮފްސައިޑުތޯ ނުވަތަ އޮފްސައިޑް ނޫންތޯ ޔަގީންކޮށްލެވޭނެއެވެ.

މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ފުޓުބޯޅާއިގެ އެންމެ ފޯރިގަދަ މުބާރާތްތަކުގެ މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީނުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބެލޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް