ރަމަޟާން މަހު ކުރިއަށް ގެންދިޔަ އުރީދޫ މަސް ރޭހުގެ 11 ވަނަ ސީޒަންގެ ޗެންޕިއަންކަން ސްޓެލްކޯ ކަނބަލުންގެ ޓީމުން ހޯދައިފިއެވެ.
ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށް ގެންދާ މަސްރޭހުގައި ސްޓެލްކޯ ކަނބަލުންގެ ޓީމް އެއްވަނަ ހޯދާފައިވަނީ 680.80 ޕޮއިންޓުންނެވެ. ރޭހުގެ ރަނަރަޕް އެއްވަނަ ޓީމަކަށް ހޮވިފައިވަނީ ޓީމް އެފްއެސްއެމް އެވެެ. ދެވަނަ ރަނަރަޕް ޓީމަކީ ޓީމް ގޯޅިއަންސްއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ސްޓެލްކޯ ކަނބަލުންގެ ޓީމަށް ވަނީ 50 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. އެ އިނާމު ރޭގައި އެ ޓީމާ ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ޓީމަކީވެސް ސްޓެލްކޯގެ ކަނބަލުންގެ ޓީމެވެ. ޖުމްލަ 49 މަސް ބާނައިގެން އެ މަގާމު ކަށަވަރުކޮށް އިތުރު ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމު އެ ޓީމުން ކަށަވަރުކޮށްފައިވެއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުންގެ ޓީމު ހޯދާފައިވާއިރު އެންމެ ބަރު މަސް ބޭނީ ޓީމު އާރުޑީސީގެ ޔާސިރެވެ. ޔާސިރު ބޭނި މަހުގެ ބަރުދަން 11.95 ކިލޯއަށް އަރައެވެ. އެ މަގާމަށް ފަސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.
ސަގާފީ އީދު ބޮޑުމަސް ބޭނުމާއި ހަބޭސް ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ޝޯއާއެކު ރޭގައި ކުރިއަށް ގެންދިޔަ މަސް ރޭހުގެ ގްރޭންޑް ފިނާލޭގައި މިނިސްޓަރ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި ރައީސް އޮފީހުގެ މިނިސްޓަރ އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް