މާލޭގައި މިއަދު ދެ މާރާމާރީއެއް ހިންގައިފިއެވެ. ހަތަރު މީހަކު ޒަހަމްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ހަމަލާ ދެމީހަކަށް ދީފައިވަނީ ހެންވޭރު އަސްރަފީ މަގުގައެވެ. ސޯޝަލް މީޑިއާގައި މި ހަމަލާއާއި ގުޅޭ ބައެއް މަންޒަރުވެސް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން ދައުރުވާ ވީޑިއޯއެއްގައި ގެއެއްގެ ހުދު ޓައިލްސްތަކެއްގެ މަތީގައި ބައިވަރު ލޭ ފެންނަންހުރި އިރު މީހަކު ވާހަކަ ދައްކާ އަޑު އިވެއެވެ. ވާހަކަދައްކާ އެމީހާ ބުނަނީ މީ އޭނާއަށް މިއަދު ފެނުނު މަންޒަރެއް ކަމަށާއި އެއޮތީ މީހެއްގެ ގަޔަށް ވަޅި ހަރާލާފައި ކަމަށެވެ. އެ މާރާމާރީ ހިނގައިގެން އުޅޭކަން ފުލުހުން ކަށަވަރުކޮށްދެއެވެ. ފުލުުހުން ބުނީ ސީނަށް އެޓެންޑްވެފައިވާކަމަށެވެ. އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ. މިއީ ދެވަނަ މާރާމާރީއެވެ.
ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ފަތިހުުގެ ވަގުތެއްގައެވެ. އެ މާރާމާރީގެ މައުލޫމާތު ފުލުހުން ވަނީ ދުވަހާ ހިއްސާކޮށްފައެވެ.
އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފަތިހު 05:48 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.
"މާރާމާރީގައި 23 އަހަރުގެ ދިވެހި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.
ދެވަނަ މާރާމާރީއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޖަނަވަރީ މަގު، މަޖީދީ މަގު ގުޅޭ ހިސާބުން މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 09:17 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި މާރާމާރީގައި ދިވެހި ދެފިރިހެނަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
"ދެ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް