ދިވެހިރާއްޖޭގެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ (ހއ. ހދ. ށ)ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓުގެ ދަތުރުތައް ފެށިގެންދާނެކަމުގައި އެމްޓީސީސީން ބުނެފިއެވެ.
މި ހިދުމަތަކީ މުޅިން އަލަށްފެށޭ ހިދުމަތަކަށްވުމާއެކު ރައްޔިތުން އަހުލުވެރިވުމަކީ ސަރުކާރުގެ އިތުރުން މި ކުންފުނިންވެސް ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް ކަަމަށާއި އަދި ޢީދު ބަންދަށް ދަތުރުތައް ފެށިގެންދިއުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ދޭއް މެއި އިން ފެށިގެން 10 މެއިގެ ނިޔަލަށް ހދ އަތޮޅުގައި ކުރެވޭ ދަތުރުތައް މުޅިން ހިލޭ ފޯރުކޮށްދެވޭނެ ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ. ހަމަ އެހެންމެ ހިދުމަތް ފެށުމަށް ބޭނުންވާ ހަތަރު ސްޕީޑް ފެރީވެސް ވަނީ ހދ. އަތޮޅަށް ބަނދަރުކުރެވި ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމުގައިވެސް ބުނެފައިވެއެވެ.
"މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކަީ 50 މީހުންގެ ޖާގަ ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ފެރީތަކެކެވެ. އަދި މިހާރު ފޯރުކޮށްދެވޭ ފެރީގެ ހިދުމަތަށްވުރެ ފުރިހަމަ އަދި ސްޕީޑް އަވަސް ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައްވެގެންދާނެއެވެ. މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކުރެވިފައެވެ. އެއާކޯން ކުރެވިފައިވާ މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުންނާނެއެވެ. ފެރީގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުންނާނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ." މި ފެރީތަކާއި ބެހޭގޮތުން އެމްޓީސީސީން ބުނެފައިވެއެވެ.
އާރްޓީއެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށެވެ. އަދި މި މުއްދަތަށްފަހު 11 މެއި 2022 އިން ފެށިގެން އާރްޓީއެލްގެ ފެރީ ހިދުމަތްތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނެގެމުންދާނެއެވެ. އާރްޓީއެލްގެ ފެރީ ހިދުމަތަށް ފައިސާ ނެގެންފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ހޯދުން ހުއްޓާލެވޭނެއެވެ. ވީމާ 11 މެއި އިން ފެށިގެން އާރްޓީއެލްގެ ފެރީގެ ހިދުމަތުގެ ޓިކްޓް ބައްލަވައިގަތުމަށް ކަސްޓަމަރުން ބޭނުންކުރަންޖެހޭނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕެވެ. އެގޮތުން https://rtl.mv ނުވަތަ https://app.rtl.mv ލިންކްގެ ޒަރީއާއިން ކަނޑައެޅިފައިވާ ރަސްމީ ވެބްސައިޓަށް ޒިޔާރަތް ކުރެވޭނެއެވެ. އަދި (rtl travel app) އެޕް ސްޓޯރް އަދި ގޫގަލް ޕްލޭ ސްޓޯރް މެދުވެރިކޮށް ޑައުންލޯޑް ކޮށްލެވޭނެއެވެ. އެހެންކަމުން އެޕް އަދި ވެބްސައިޓަށް އަހުލުވެރިވުމަކީ ކުރިއަށް އޮތްތަނުގައި ހިދުމަތް ލިބިގަތުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމުގައި އެމްޓީސީސީން ބުނެއެވެ.
https://twitter.com/dhuvasmv/status/1520986459171217410
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް