ޢީދުގެ އުފާ ފާޅުކުރާއިރު އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚްތުން މަތިން ހަނދާންކުރަންޖެހޭ: އެމްޑީއޭގެ ލީޑަރު

މި ޢީދުގެ އުފާ އަޅުގަނޑުމެން ފާޅުކުރަމުން މިގެންދާ ދަނޑިވަޅު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އަނިޔާއެއް ތަހަންމަލު ކުރަމުންގެންދާ މުސްލިމް އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާލުމަކީ ކުރެ...

01 May 2022 | 19:50

މި ޢީދުގެ އުފާ އަޅުގަނޑުމެން ފާޅުކުރަމުން މިގެންދާ ދަނޑިވަޅު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އަނިޔާއެއް ތަހަންމަލު ކުރަމުންގެންދާ މުސްލިމް އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައި މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލައެންސް (އެމްޑީއޭ) ގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުފާވެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އެ ޕާޓީގެ މެންބަރުންނަށާއި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވައި ފޮނުއްވި ޚިޠާބުގައެވެ.

"ހަމަ މިދަނޑިވަޅު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޢީދުގެ އުފާ ފާހަގަކުރަމުންގެންދާ އެންމެހައި މުސްލިމް އަޚުންނާއި އުޚްތުންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު މަތިވެރި އުފަލެއްވެސްމެއެވެ." ސިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ބަރަކާތްތެރި ރަމަޟާން މަހެއް ނިންމައި، ފިޠުރު ޢީދުގެ އުފަލާ އަޅުގަނޑުމެން ކުރިމަތިމިލީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ އުނދަގޫތަކުން އަރައިގަނެ، އާންމު ދިރިއުޅުމުގައިގެން ކުރިއަށްދިއުމައިގެން ކުރިއަށްދިއުމުގެ އުފާ ލިބިގަންނަމުން ކަމަށާއި އެހެންކަމުން ކޮވިޑް19ގެ ބަލިމަޑުކަމުން އަޅުގަނޑުމެން މިންޖުކުރައްވައި، އާއްމު ޙާލަތަކަށް އުޖޫޢަވުމުގެ މަތިވެރި ތަޢުފީޤު ދެއްވިކަމަށްޓަކައި، މާތްﷲ ސުބުހާނަޙޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރާ ކަމަށެވެ.

"ފިޠުރު ޢީދު ދުވަހަކީ އުފާފާޅުކޮށް، ޝުކުރު ކުރުމުގެ ދުވަހެކެވެ. އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވުމުގެ ދުވަހެކެވެ. ނެތެމުންދާ ގުޅުންތައް ވަރުގަދަކޮށް، އެކަކު އަނެކަކާއިމެދު ހިތް ސާފުކުރުމުގެ ދުވަހެކެވެ. މި ދުވަހު އަޅުގަނޑުމެން ހުރިހާ މުސްލިމުންގެވެސް އެންމެ ބޮޑު ޢަޒުމެއް ކަމުގައި ވާންވީ އެއްބައިވަންތަ އިސްލާމީ މުޖްތަމަޢެއްގެ ގޮތުގައި ދެމިއޮތުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ހަމައެހެންމެ ރަމަޟާން މަހެކޭ އެއްފަދައިން، އަހަރުގެ ބާކީ ހުރި ހުރިހާ މައްސަރެއްގައިވެސް، ދީނީ އަޅުކަންތައްތަކަށް ސަމާލުކަން ދިނުމަށް ޢަޒުމު ކަނޑައެޅުމަކީވެސް މި ފިޠުރު ޢީދު ދުވަހު އަޅުގަޑުމެން ކޮންމެހެންވެސް ކުރާން ޖެހޭ ކަމެކެވެ." ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވެފައިވަނީ މި ޢީދުގެ އުފާ އަޅުގަނޑުމެން ފާޅުކުރަމުން މިގެންދާ ދަނޑިވަޅު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އަނިޔާއެއް ތަހަންމަލު ކުރަމުންގެންދާ މުސްލިމް އަޚުންނާއި އުޚްތުންގެ މަތިން ހަނދާން ނައްތާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި  އެމަނިކުފާނުގެ ދުޢާއަކީ، އެފަރާތްތަކަށް ލިބެމުންދާ އަނިޔާއިން މިންޖުކުރައްވާ، މާތްﷲ ގެ ގަދަވެގެންވާ ނަޞްރަކުން ނަޞްރު ދެއްވުން ކަމަށެވެ.

" އަޅުގަނޑުގެ ދުޢާއަކީ، ނިމިދިޔަ ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފި ރޯދައިގެ ޘަވާބާއި ދަރުމަ މާތްﷲ އަޅުގަނޑުމެންނަށް ދެއްވުމެވެ! އަދި އަޅުގަނޑުމެންގެ މުސްލިމް އުންމަތް އެކުވެރިކުރައްވާ، ފާގަތިކަން ލެހެއްޓެވުމެވެ. އާމީން." ޝިޔާމް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް