މަތީ ފަންތީގެ ވަފުދަކާއެކު ނައިބުރައީސްގެ ދެކަނބަލުން ނިއުޔޯކަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރި...

01 May 2022 | 19:12

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، "ފުޓިންގ ސަސްޓެއިނަބުލް އެންޑް ރިޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އޭން އިންކްލޫސިވް ރިކަވަރީ" މި މައުޟޫއަށް އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

މި ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެންނެވެ.

މި ހަރަކާތުގެ ސަބަބުން މެމްބަރު ޤައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާއި މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ޙިއްޞާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 11 މެއި 2022 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް