ކޮވިޑު ނަމްބަރު 500 އަށް: މަބްރޫކަށް ކެތެއް ނުވި !

ކޮވިޑަށް ރާއްޖެއިން އެއް ދުވަހެއްގައި ޕޮޒިޓިވް ވި އަދަދު 500 އިން މައްޗަށް މިއަދު ގޮސްފައިވާއިރު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ކުރީގެ ތަރުޖަމާނު އަދި މިހާރު ރައީސް އޮފީހުގެ...

02 May 2021 | 18:38

ކޮވިޑަށް ރާއްޖެއިން އެއް ދުވަހެއްގައި ޕޮޒިޓިވް ވި އަދަދު 500 އިން މައްޗަށް މިއަދު ގޮސްފައިވާއިރު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ކުރީގެ ތަރުޖަމާނު އަދި މިހާރު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މި ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންނާއި ނޫސްވެރިންނަށް އިލްތިމާސެއް ކުރައްވައިފިއެވެ.

މިރޭ ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމަކީ ސަރުކާރުގެ މަސްރޫއުތަކާއި ބަދަލު ދިނުމުގެ ކަންތައްތަކާއި ބެހޭގޮތުން ކުރިއަށް ދިޔަ ބައްދަލުވުމެކެވެ. ކޮވިޑު އަދަދުތައް ހާމަކުރީ ޕްރެސް ކޮންފަރެންސް ނިމެން އުޅެނިކޮށެވެ.

ލައިވްކޮށް ދިޔަ ޕްރެސްގައި މަބްރޫކް ވިދާޅުވީ 508 އަށް އަދަދު އެރުމުން މިއީ ބޮޑު އަދަދެއް ކަމަށެވެ. އާންމު ގޮތެއްގައި މިހާރު ކޮވިޑުގެ ވާހަކަ ދައްކާނީ އެޗްއީއޯސީން ކަމަށާއި ނަމަވެސް ކުރިން ކޮވިޑުގެ ކަންކަމާ އުޅެވިފަ ހުރީމަ އެއްޗެއް ބުނެލަން ބޭނުންވަނީކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެނގޭ މިކަމުގަ ވަރަށް ގިނަ ނުރުހުމާ ނުތަނަވަސްކަމާ އެބަ ހުރިކަން، އެއްބަޔަކު ގެއަށް ވަންނާށޭ ބުނެ އަނެއް ބަޔަކު އެއްވާ ވާހަކަޔާ، ކަންބޮޑުވުންތަކެއް އެބަ ހުރިކަން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިވަގުތަކީ އެފަދަ ކަންކަމާ ހެދި ސީރިއަސްކަން ކުޑަވެފަ އޮތް ވަގުތެއް ކަމަށާއި ނަމަވެސް  500 އަށް ކޭސް އެރީމަ އަނެއްކާވެސް އަލުން ވިސްނަން އެބަ ޖެހޭ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

"މިކަމުގަ އެންމެން އެއްކޮށް މަސައްކަތް ނުކޮށްފިއްޔާ ހަމަ އަޅުގަނޑުމެން އެންމެނަށް މިކަމުގަ ދަތިތައް ހުންނާނެ" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ނޫސްވެރިން ކުރެން އިލްތިމާސް ކުރެއްވީ ކޮވިޑު ނަމްބަރު ތިރި ކުރުމަށް ނޫސްވެރިން މިހާރު ކުރަމުން އަންނަ މަސައްކަތުގެ އިތުރަށްވެސް މަސައްކަތް ކޮށްދިނުމަށެވެ. ރައްޔިތުންގެ ކިބައިން އެދިލެއްވީ އޭނާއަށްޓަކައި ނުވަތަ ސަރުކާރަށްޓަކައި ކަމަށް ނުބައްލަވާ ގައުމަށްޓަކައި ވިސްނަވާ ރަނގަޅަށް އަމަލުތައް ބަހައްޓަވާ އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް