ނިޒާމު ބަދަލު ކުރުމަށް މިވަގުތު ރައީސް އިސްކަން ނުދެއްވާ: މަބްރޫކު

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ މިވަގުތު އިސްކަން ދީގެން މަސައްކަތް ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. މ...

02 May 2021 | 18:14

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ މިވަގުތު އިސްކަން ދީގެން މަސައްކަތް ނުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރައީސް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އެ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އޭގެ އިތުރުން އިސްކަން ދެއްވަނީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާއިރު ސިޔާސީ ގޮތުން އެ ހިސާބަށް ދާންޖެހޭ ކަމަށް މަޝްވަރާތަކުން ފެންނަ ނަމަ ރައީސް އެކަން ކުރައްވާނެ ކަމަށެވެ. އެކަމަކު އެއީ މި ވަގުތު ރައީސް އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ލީގަލް ކައުންސެލް ޓުދަ ޕްރެޒިޑެންޑް އަހުމަދު އަބްދުﷲ އަފީފް ވެސް ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މިހާތަނަށް ގާނޫނީގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ މަހު ރައީސަށް މެސެޖަކުން ދަންނަވައިފަ އެވެ. އެކަމުގެ ޖަވާބުގައި ރައީސް ވިދާޅުވީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް