ނަމާދު ކޮށްކޮށް މުސްކުޅި ވީއިރުވެސް އެންމެ ރަކުއަތެއްވެސް ކުރެވިފައެއް ނެތް! އެއީ ކާކުކަން އެނގިލައްވާތޯ ؟

އަޅުގަނޑުމެންގެ ތެރޭގައިވެސް އެންމެ ނަމާދެއްވެސް ވައްޓާނުލާ ބަރާވަރަށް މިސްކިތައް ގޮސް ނަމާދުކުރާމީހުން ވަރަށް ގިނައިން އުޅެއެވެ. ފަތިސް ނަމާދެއް މެންދުރުނަމާދެއް އަސުރުނަމާދެއް ކިޔާނެކަމެއް ނެތެވެ. ސ...

02 May 2021 | 12:36

އަޅުގަނޑުމެންގެ ތެރޭގައިވެސް އެންމެ ނަމާދެއްވެސް ވައްޓާނުލާ ބަރާވަރަށް މިސްކިތައް ގޮސް ނަމާދުކުރާމީހުން ވަރަށް ގިނައިން އުޅެއެވެ. ފަތިސް ނަމާދެއް މެންދުރުނަމާދެއް އަސުރުނަމާދެއް ކިޔާނެކަމެއް ނެތެވެ. ސުންނަތް ނަމާދުތައްވެސް ބަރާބަރަށް ކުރާ މީހުން ވެސް އުޅެއެވެ. ދަންނަވަން މިއުޅެނީ ކުރާ ނަމާދު ގޯސްވާހަކައެއް ނޫނެވެ. ﷲ އަށް އިޚްލާޞްތެރިކަމާއި އެކު ކުރާ ނަމާދެއް ނަމަ އެ ނަމާދު ޤަބޫލް ކުރެވޭނެ ކަން ކަށަވަރެވެ.

ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ ނަމާދުތައް ކުރެވެނީ އޭގެ އެންމެ ފުރިހަމަ ގޮތުގައިތޯއެވެ. ހަމަ ނަމާދު ކުރާށޭ ކިޔާފަ ގޮސް މިސްކިތައް އަރައި ހަރަކާތްތަކެއް ކޮށްލިނަމަވެސް އެއީ ނަމާދުކުރުން ކަމުގައި ނުބެލެވެއެވެ.

އަޙާއެވެ. ނިކަން އަޑު އަހާބަލާށެވެ.

ނަމާދުކުރަމުން ގޮސް މުސްކުޅިވާއިރު އެންމެ ރަކްޢަތެއް ފުރިހަމަ ނުކުރާ މީޙުން ތިބޭކަމަށް ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. އެއީ ކޮން ބައެއްކަން އެނގޭހެއްޔެވެ؟ އެސުވާލުގެ ޖަވާބު ޢުމަރުގެފާނުގެ އަރިއަހުގައި ތިއްބެވި ބޭކަލުންނަށްވެސް އެނގިވަޑައެއް ނުގެންނެވިކަމަށް ބުނެވެއެވެ.

އެބޭކަލުންގެ ސުވާލަށް ޖަވާބު ދެއްވަމުން ޢުމަރުގެފާނު ވިދާޅުވީ އެއީ ﷲ ތަޢަލާ އަންގަވާފައިވާގޮތަށް ރުޚޫޢާ ސަޖިދަކޮށް ރަކްޢަތް ފުރިހަމަ ނުކުރާ މީހުން ކަމަށެވެ.

މިބަސްފުޅުގެ މާނައަށް ވިސްނާށެވެ! އެވިދާޅުވަނީ ޚުޝޫޢަތްތެރިކަމާއިއެކު އެންމެ ރަކްޢަތެއްވެސް ފުރިހަމަ ނުކުރެވޭ މީހުންގެ ވާހަކައެވެ. ނަމާދަށޭ ކިޔާ މިސްކިތައް އަރާ ހަމަ ހަރަކާތްތަކެއް ކޮށްލާފައި ފައިބައިގެން ދާމީހުންގެ ވާހަކައެވެ. ވިސްނާލާށެވެ.! ނަމާދަށް ހުއްޓި ހަރަކާތްތަކެއް ކުރި ނަމަވެސް ދުލުން އެއްޗެތިތަކެއް ކީ ނަމަވެސް ހިތް ﷲ ތަޢަލާއަށް ޚާލިޞް ނުކުރެވޭ ކަމެވެ. ހިތް ނަމާދަށް ޚާލިޞް ނުކުރެވޭނަމަ ނަމާދު ފުރިހަމަ ނުވާނެ ކަމެވެ. ނަމާދުގައި ކިޔޭތަކެތި މާނަ އާއިއެކު ހިތަށް ގެނެވިގެން ނޫނީ ހިތް ޚާލިޞް ނުކުރެވޭނެއެވެ.

ވީމާ މީސްތަކުންނޭވެ. ނަމާދަށް ދިއުމަކުން އަދި އެއީ ނަމާދު ކުރެވުމެއް ނޫނެވެ. ހަރަކާތަތްކެއް ކުރުމަކުން އަދި އެއީ ނަމާދުކުރެވުނީއެއް ނޫނެވެ. ދުލުން އެއްޗެތި ތަކެއް ކިޔުމަކުން އެއީ ވެސް އަދި ނަމާދުކުރެވުމެއް ނޫނެވެ. ނަމާދު ނަމާދަކަށް ވާނެ ގޮތަށް ނަމާދުކުރަން ބޭނުން ނަމަ ނަމާދަށް ފަށަން ވާނީ ތިމާ ކުރަން މިއުޅޭ ކަންތައް ރަނގަޅަށް ހިތަށް އަރުވައިގެންނެވެ. ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ކަމާއި ކުރަން މިއުޅޭ ކަމަކީ ﷲ ތަޢާލާއި މުޢާމަލާތު ތަކެއް ކުރުންކަން ހިތަށް ގެންނަންވާނެއެވެ. އަދި އެކަންކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ނެތުނަ ދީގެން ނުވާނެއެވެ.

މީސްތަކުންނޭވެ! ނަމާދަށް ދިއުމަށްޓަކައި ފުރަތަމަ ތަމެއްގެ ގޮތުން އެކަމަށް ތައްޔާރުވާށެވެ. ވުޟޫ ކުރުމުގެ ކުރިން ދަތް އުނގުޅާށެވެ! ރީތި ފޭރާމާއި ހުވަނދުވެސް ލާށެވެ! ނަމަވެސް މިއީ ބޭރުފުށެވެ. ބޭރުފުން ތައްޔާރުވުމާއިއެކު ރޫހާނީ ބާރުވެސް ލިބިގަންނާށެވެ! ކުރަން މިއުޅެނީ ކީއްކަން ހިތަށް ގެންނާށެވެ. ތިމާގެ ނަމާދު ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރަމުން މިސްކިތަށް ވަންނާށެވެ! ނަމާދަށް ފަށަންވާނީ ވެސް އެ ދުޢާގެ މަތީގައެވެ.

ނަމާދަކީ ވަރުގަދަ ހަނގުރާމައެކެވެ. ވަރުގަދަ ޖިހާދެކެވެ. އެ ހަނގުރާމަ ފަތަޙަ ކުރުމަށް ވަރުގަދައަށް އަޒުމް ކަނޑައަޅައިގެން ނަމާދަށް ފަށާށެވެ! ނަޞްރު ލިބޭނީ އެއިރުންނެވެ. ނަމާދު ކުރަން ބޭނުންވާ ޚުޝޫޢަތްތެރިކަން ލިބޭނީ އެއިރުންނެވެ.

މި ލިޔުމަށް ބޭނުންވާ ބައެއް މަުލޫމާތުތައް ނަގާފައިވަނީ ސުވަދީބްއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް