ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ހުއްޓުވުމަށް ގޮވާލާ ޒުވާނުންތަކެއް ރޭ ބޭއްވި ހިމޭން އެއްވުން ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންނާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަ ނިމެންދެން އެ ފުލުހުން ވަޒީފާގެ ފްރޮންޓްލައިން މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްރޮންޓްލައިން މަސްއޫލިއްޔަތުން އެ މީހުން ދުރުކުރީ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން މައްސަލަ ބަލައި ވަކި ގޮތެއް ނިމެންދެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުތަކުން ނުކުންނަ ނަތީޖާއަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ފުލުހުން ބުންޏެވެ.
ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް އަދި ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކޮށް ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކޮށް ފުލުހުން ބޭ އަދަބީ ބަސް ބޭނުންކުރި ކަމަށް ބުނެ އެވެ. މި މައްސަލައިގަ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރިގޮތް ބަލަން އަންގާފައިވާ ކަމަށް ވިދާޅުވެފައި އެވެ.
މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުން ވަނީ ތަހުގީގު ކުރަން ނިންމާފަ އެވެ.
އަދި ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރިގޮތާއި ގުޅޭގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރި އިމްރާން އަބްދުﷲވެސް ހާޒިރު ކުރުމަށް ހަމަޖެހިފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް