ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުންނަށް ދެވަނަ ޑޯޒު ދިނުމުގައި އިސްކަން ދޭން ފަށައިފި

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޯވިޑް-19 ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދިނުމުގައި އިސްކަން ދޭން ފަށަައިފި އެވެ. ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފެށިފަހުން އުމުރުން ދ...

02 May 2021 | 11:44

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޯވިޑް-19 ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދިނުމުގައި އިސްކަން ދޭން ފަށަައިފި އެވެ.

ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފެށިފަހުން އުމުރުން ދުވަސްވީ މީހުންނަށް ކިޔުގައި ނުޖެހި އަވަސް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ނުވާތީ އެޗްޕީއޭއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން ގިނަ ވަގުތު ދިގު ކިޔުތަކުގައި ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުން ތިބެން ޖެހުމުން އާންމުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ޖަހައިދޭ ތިން ސެންޓަރެއްގައި އެ ދެ ކެޓަގަރީއަށް ފެތޭ މީހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދެމުންދާނެ ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި އުޅޭ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިން ސެންޓަރަށް ދިއުމުށް ކިޔުގައި ނުޖެހި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

އަދި ވިލިމާލޭގައި ދިރިއުޅޭ މި ކެޓަގަރީއަށް ފެތޭ މީހުންނަށް ވިލިމަލޭ ޒުވާނުންގެ މަރުކަޒުގައި އިސްކަން ދީގެން ވެކްސިން ޖަހައިދެމުންދާނެ ކަމަށް ބުނެ އެވެ. ވިލިމާލޭގައި 60 އަހަރުން މަތީގެ މީހުންނާއި ނުކުޅެދޭ މީހުންނަށް އިސްކަންދީގެން ވެކްސިން ދެމުންދާނީ ރޭގަނޑު 9:00 ން 10:00 އަށެވެ.

ރޯދަ މަހު ހަމައެކަނި ރޭގަނޑު ވެކްސިން ދޭން ފެށުމުން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދޭ ސެންޓަރުތަކަށް ބާރުބޮޑުވެ ކިޔުގައި ގިނަ އިރު ތިބެން ޖެހުމުން އާންމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިދެމުން ދަނީ ކޮވިޝީލްޑާއި ސިނޮފާމް ވެކްސިންގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް