ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި ތިން މީހަކު ކޯވިޑަސް ޕޮސިޓިވްވުމުން ކަމަށެވެ. އެމީހުން ޑޮކްޓަރަށް ދެއްކި އިރު ބަލީގެ އަލާމާތްތައް ފެންނަ ކަމަށްވެސް ވެ އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ކުޅުދުއްފުށި މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ޕޮސިޓިވްވެފައިވަނީ ދެމަފިރިއަކާއި އެ އާއިލާ މީހެކެވެ.
މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން އެ ރަށުގައި ކޯވިޑް-19 ވެކްސިން ދިނުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.
މިދިޔަ މާޗްމަހުގެ ތެރޭގައިވެސް ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައެވެ. އެ ފަހަރު ޕޮސިޓިވްވީ ޅ. ނައިފަރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަސް ފަރުވާ ދޭން ގެންދިޔަ ބަލިމީހަކާއި އޭނާގެ އެހީތެރިންގެ ގޮތުގައި ތިން މީހެކެވެ. އެފަހަރު އެ ރަށުން އިތުރު ބަޔަކު ޕޮސިޓިވްވެފައެއް ނުވެ އެވެ.
ކުޅުދުއްފުށީގެ އިތުރުން އަތޮޅު ތެރޭގެ 23 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. މިއަދު މޮނިޓަރިންއަށް ލީ ކުޅުދުއްފުށީގެ އިތުރުން ފ. ފީއަލީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް