ކޯވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް އަދި ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރުގެ ބައްޕަ ރަންދީރު ކަޕޫރަށް އައިސީޔޫގައި ފަރުވާަ ދޭން ފަށައިފި އެވެ.
އޭނާއަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ބައްޔަށް ޕޮސިޓިވްކަން އެނގުމާއި އެކު އިތުރު ފަރުވާއަށް އޭނާ ވަނީ އިންޑިއާގެ މުމްބާއީގެ ކޮކިލަބެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
އޭނާއަށް ފަރުވާ ދެމުންދާ ޑޮކްޓަރާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގާތުން އިތުރު ފަރުވާ ދިނުމަށް ރަންދީރު ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލު ކުރެވިފަ އެވެ. އެކަމަކު އޭނާގެ ހާލު ގޯސް ނޫން ކަމަށާއި ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ބުނެފަ އެވެ.
އިންޑިއާ ކޯވިޑް-19 ގައި ނުރައްކާތެރި ހާލަތަކަށް ގޮސް ހޮސްޕިޓަލްތައް ފުރިފަ ވާއިރު ހާލު ސީރިއަސް ނޫން މީހަކު އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުންދާތީ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ އެއީ ބާރު ހުރި މީހުން ފައިސާ ދީގެން ބާރާއި ނުފޫޒު ބޭނުންކޮށްގެން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ސަރުކާރުން ހޯދާ ހިދުމަތްތަކެއް ކަމަށެވެ.
ކޮންމެ ދުވަހަކު ދުނިޔޭގެ ރެކޯޑު އަދަދަކަށް އިންޑިއާއިން މީހުންނަށް ކޯވިޑް ޖެހި މަރުވަމުންދާއިރު މުއްސަނދިންނާއި އާންމު ރައްޔިތުންނާއި މެދު ފަރުވާ ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ދަނީ ބުނަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް އަމިއްލަ ހޮސްޕިޓަލެއްގައި ވީއައިޕީ ބަލި މީހަކަށް އޮކްސިޖަންފުޅިއެއް ދޭން ޖެހިގެން ފަގީރުމީހާގެ އޮކްސިޖަން ފުޅި ގެންދިއުމުން އެމީހާ ވަނީ މަރުވެފަ އެވެ.
މިފަދަ އެތައް ހާދިސާތަކެއް އިންޑިއާގައި ކޮންމެ ދުވަހަކު ކުރިމަތިވަމުންދާއިރު މުއްސަނދި މަހުޖަނުންނާއި ބޮލީވުޑް ތަރިން ޖެޓުތަކުގައި އިންޑިއާ ދޫކޮށް ޔޫރަޕް އަދި ކޯވިޑް ނުރައްކާ ކުޑަ ގައުމުތަކަށް ފުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން 72 އަހަރުގެ ރަންދީރު އެންމެ ފަހުން އާންމުންނަށް ފެނުނީ އަންހެނުން ބަބިތާގެ އުފަންދުވަސް ފާހަގަ ކުރުމަށް ކަރީނާ ގޭގައި ބޭއްވި ހަފްލާތަކުގައި ނަގާފައިވާ ފޮޓޯތަކުންނެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް