ސީޒަން ބުނަނީ މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގައި ވޯކް ޑިސިޕްލިން 'ޒީރޯ' ކަމަށް

މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގައި ވޯކް ޑިސިޕްލިން ހުރީ 'ޒީރޯ' ކަމަށް މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ. ސީޒަން މިހެން ބުނެފައި ވަނީ ބައިސްކޯފުން ގެނެސްދޭ 'ޑްރާފްޓްސް' ގައި ވ...

02 May 2021 | 09:00

މިހާރު ރާއްޖޭގެ ފިލްމީ ދާއިރާގައި ވޯކް ޑިސިޕްލިން ހުރީ 'ޒީރޯ' ކަމަށް މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު އަލީ ސީޒަން ބުނެފިއެވެ.

ސީޒަން މިހެން ބުނެފައި ވަނީ ބައިސްކޯފުން ގެނެސްދޭ 'ޑްރާފްޓްސް' ގައި ވާހަކަ ދައްކަމުންނެވެ. އެ ޕްރޮގްރާމްގައި ސީޒަން އާއި އެކު އޭނާގެ ކުރީގެ އަނބިމީހާ އަދި މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު ނިއުމާ މުހައްމަދު ބައިވެރިވި އެވެ.

ސީޒަން ބުނީ މިހާރު ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ތަރިން އެއް ދުވަހު މަސައްކަތް ކުރުމަށް ފަހު އަނެއް ދުވަހު މަސައްކަތަށް އަންނާނެ ކަމުގެ ޔަގީންކަން ނޯންނަ ކަމަށެވެ. އަދި އަނެއް ދުވަހު އެ ފަންނާނަކު ހުންނާނީ ކޮން ހިސާބެއްގައިކަންވެސް ނޭނގޭ ކަމަށް ބުންޏެވެ.

ސީޒަން އެހެން ބުނުމާއި އެކު ނިއުމާ ވަނީ އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފަ އެވެ.

" އަދިވެސް ސްކްރީނުން ފެންނަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ، ޑިސިޕްލިން. އެއީ މިހާރު މިރާއްޖޭގައި ފިލްމީ ދާއިރާގައި ވޯކް ޑިސިޕްލިން ޒީރޯ. އެއްވެސް ގެރެންޓީއެއް ނީނދޭ އެ އެކްޓަރެއް، އެ އެކްޓްރެސްއެއް އެދުވަހު އަންނާނެ ކަމަކަށް. އެ އެކްޓަރަށޤވެސް ނޭނގޭނެ އަނެއް ދުވަހު އޭނާ ހުންނާނީ ކޮންތާކު ކަމެއް" ސީޒަން ބުނެ އެވެ.

އޭނާ ބުނީ 'ޖެނެރަލީ' ވޯކް ޑިސިޕްލިން ހުރީ އެހިސާބުގައި ކަމަށެވެ. އެހެން ނަމަވެސް އެކަންކަމާ ވިސްނާކުދިން ވެސް އުޅޭކަމަށާއި ނަމަވެސް އެފަދަ ކުދިން ވަރަށް މަދު ކަމަށެވެ.

ނިއުމާއާއި ސީޒަންއާ ދެމީހުންގެ މާޒީގެ ބައެއް ވާހަކަތައް ވެސް ހިއްސާކުރަމުން ގޮސް، ނިއުމާ ފިލްމީ ދާއިރާއިން ދުރައްދާން ނިންނި ހިސާބުން ހިތަށްއެރީ ކީކޭތޯ ސީޒަންކައިރީ އަހައެވެ.

ސީޒަން ބުނީ ނިއުމާއަކީ ވަރަށް ބޮޑު 'އެސެޓެއް' ކަމަށާއި ނިއުމާ ސްކްރީނުން ގެއްލިގެން ދިއުމަކީ ދާއިރާއަށް ލިބޭނެ، ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށެވެ.

"ހާއްސަކޮށް މިކަހަލަ ދަނޑިވަޅެއްގަ. ރިޕްލޭސް ކުރެވޭނެ އެއްވެސް ގޮތެއްވެސް ނެތް." ނިއުމާގެ އެ މަގާމު އަދި މީހުންގެ ފަރާތު ހޯދާފައިވާާ ލޯތްބާއި ސަޕޯޓް އެހެންމީހަކަށް ނުހޯދެނީސް ނިއުމާ ސްކްރީނުން ގެއްލުމަކީ އެއީ ފޫނުބެއްދޭނެ ވަރުގެ ކަމެއް ކަމަށް ސީޒަން ފާހަގަކުރިއެވެ.

މިވާހަކަތައް ފާހަގަކޮށް ސީޒަން ބުނީ، ނިއުމާ ފިލްމު ކުޅުން ހުއްޓާލި ސަބަބު ވިސްނޭ ކަމަށާއި އެހެންކަމުން އިތުރަށް ފިލްމު ކުޅެއް ނުބުނާނަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް