މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ރާއްޖޭގައި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
އެ އެސޯސިއޭޝަނުން މިހެން ގޮވާލީ ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމާއި ދެކޮޅަށް ރޭ ޒުވާނުންތަކެއް އިސްވެ ބޭއްވި ހިމޭންކަމުގެ އިހުތިޖާޖު ފުލުހުން ގަދަބާރު ބޭނުންކޮށްގެން ރޫޅާލުމުގައި ނޫސްވެރިންނަށް ހުރަސް އެޅޭގޮތަށް ގަދަބާރު ބޭނުންކޮށްފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. އެމްޖޭއީއިން ނެރެނު ބަޔާނެއްގައި ބުނީ މިފަދަ މުޒާހަރާތައް ކަވަރުކުރުމުގެ މަގު ނޫސްވެރިންނަށް ފަހިކޮށްދިނުމާއި އެ މުޒާހަރާގައި ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
ބަޔާނުގައި ބުނީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިންނަށް ހުރަސް އަޅާފައިވާ ކަމުގެ ރިޕޯޓުތައް އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ. މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްއެޅުމުގެ ސަގާފަތެއް ދިވެހި ފުލުހުންގެ މެދުގައި އޮންނަ ކަމަށާއި މަސައްކަތަށް ހުރަސްއެޅުމުގެ އިތުރުން ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާއި އަނިޔާކުރާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްނޭޅުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މި އަމަލުތައް ފުލުހުން ތަކުރާކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރި އެވެ.
މި ބަޔާނުގައި ވަނީ ރޭގެ މުޒާހަރާގައި ނޫސްވެރިންނަށް ކުރިމަތިކުރުވި ހުރަސްތައް ތަހުގީގުކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް އެފެއާސް މިނިސްޓަަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އިސްވެރިންނަށް ވެސް ގޮވާލައިފަ އެވެ.
ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް އަދި ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކޮށް ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކޮށް ފުލުހުން ބޭ އަދަބީ ބަސް ބޭނުންކުރި ކަމަށް ބުނެ އެވެ. މި މައްސަލައިގަ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރިގޮތް ބަލަން އަންގާފައިވާ ކަމަށް ވިދާޅުވެފައި އެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ރޭ ކުރި ޓްވީޓެއްގައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ އިތުރުން ޔޫސް އޮފް ފޯޒް ރިވިއު ކޮމިޓީއިން ވެސް އެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ މިންވަރަކުން ހިއްސާ ކުރާނެ ކަމަށް ވެސް އެ ޓްވީޓްގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް