ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން މި ސަރުކާރަށްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ކެންދޭ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ޖިންސީ ގޯނާއާއި ފުރައްސާރަ ކުރުމާއި ދެކޮޅަށް ޒުވާނުންތަކެއް ރޭ ބޭއްވި ހިމޭންކަމުގެ އިހުތިޖާޖު ގަދަބާރު ބޭނުންކޮށްގެން ފުލުހުން ރޫޅާލި މައްސަލައިގަ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅު ކުރަމުންދަނިކޮށް ކުރެއްވި ޓޫވީޓެއްގައި އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ޙުސައިން ވިދާޅުވީ މިހާރު ޤަބޫލު ކުރެވެނީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް މި ސަރުކާރަށް ވެސް ކުރެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރާ މަންޒަރު ފެނުމުން ލޭ ކެކޭ ކަމަށާއި ރުޅި އައިސް ދެރަވެސް ވާކަމަށެވެ.
އިތުރު ޓުވީޓެއްގައި އަލީ ހުސައިން ވިދާޅުވީ އިންސާނީ ޙައްގާއި ކޮރަޕްޝަނާއި އަނިޔާގެ ވާހަކައަކީ ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރާ ހަތިޔާރަށްވެ ނިމޭނަމަ، ރައްޔިތުންގެ އިތުބާރު އެ ވާހަކަތަކަށް ދެނެއް ނޯންނާނެ ކަމަށެވެ. އަދި އިސްލާޙުވާން އެދޭނަމަ ފުރުސަތު ނަގާނުލުމަށް އޭނާ ގޮވާލައްވާފައިވެ އެވެ.
https://twitter.com/AleeVoice/status/1388714873597489154
ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް އަދި ނޫސްވެރިންނަށް ހުރަސްތައް ކުރިމަތިކޮށް ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިންނަށް ނިސްބަތްކޮށް ފުލުހުން ބޭ އަދަބީ ބަސް ބޭނުންކުރި ކަމަށް ބުނެ އެވެ. މި މައްސަލައިގަ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރިގޮތް ބަލަން އަންގާފައިވާ ކަމަށް ވިދާޅުވެފައި އެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ރޭ ކުރި ޓްވީޓެއްގައި ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ އިތުރުން ޔޫސް އޮފް ފޯޒް ރިވިއު ކޮމިޓީއިން ވެސް އެ މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ މިންވަރަކުން ހިއްސާ ކުރާނެ ކަމަށް ވެސް އެ ޓްވީޓްގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް