ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރުތައް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.
މޯލްޑިވިއަންއިން ޑާކާއަށް ކުރާ ދަތުރުތައް މެދުކަނޑާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ އެވެ. ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ބައިނަލް އަގުވާމީ ޕެސެންޖާ ފްލައިޓުތައް އެގައުމަށް ދަތުރު ކުރުން މަނާ ކުރުމުންނެވެ.
އެދަތުރުތައް އަލުން ފަށަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހު ޑާކާ ދަތުރުތައް އަލުން ނުފެށުނީ އެ ގައުމުގެ ސަރުކާރުން ބައިނަލްއަގުވާމީ ޕެސެންޖާ ފްލައިޓުތައް މެދުކަނޑާލާފައިވާ މުއްދަތު މިމަހުގެ ފަހެއްވާ ބުދަ ދުވަހާއި ހަމައަށް އިތުރު ކުރުމުންނެވެ.
މޯލްޑިވިއަންއިން މިއަދު ބުނީ އެ އެއާލައިނުން ކުރިން ދަތުރު ކުރަމުން އައި ގޮތަށް ބުދަ ދުވަހުން ފެށިގެން ޑާކާ ދަތުރުތައް އަލުން ފަށާނެ ކަމަށެވެ. އެގޮތުން ހަފްތާއަކު ތިން ދަތުރު ކުރާނެ ކަމަށް ބުނެ އެވެ.
ޑާކާ އަކީ މޯލްޑިވިއަންއިން ކުރާ ބައިނަލްއަގުވާމީ ދަތުރުތަކުގެ ތެރެއިން ވަރަށް ޑީމާންޑު ބޮޑު މަންޒިލެކެވެ.
މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ސީދާ ދަތުރުތައް ބާއްވަން ފެށީި 2012 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް