އިންޑިއާގައި ދިރިއުޅެމުންދާ އޮސްޓްރޭލިއާ ރައްޔިތުންނާއި އޮސްޓްރޭލިއާއަށް ދާ އިންޑިއާ ރައްޔިތުން ގައުމަށް އެތެރެވުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދައި ހަރުކަށި އަދަބުތަކެއް ކަނޑައަޅައިފި އެވެ.
ދުނިޔޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ އިންޑިއާއަށް ދަތުރު ކުރުން ގިނަ ގައުމުތަކުން ވަނީ މެދުކަނޑާލާފަ އެވެ. އަދި ދަތުރު ކުރުން ހުއްޓާ ނުލާ ގައުމުތަކުން ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެ އިންޑިއާ އަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
އިންޑިއާގައި ކޯވިޑްގެ ހާލަތު ނުރައްކާތެރި ފައްތަރެއްގައި އޮތުމުން އިންޑިއާއިން އޮސްޓްރޭލިއާއަށް ބަލި ދިއުމުގެ ފުރުސަތު ކުޑަކުރުމަށް އޮސްޓްރޭލިއާއިން އެކުލަވާލީ އެމަޖެންސީ އުސޫލެކެވެ. އޭގެ ގައި ބުނެފައިވާ ގޮތުގައި އޮސްޓްރޭލިއާއަށް އެތެރެވާ ތާރީހުގެ 14 ދުވަސް ތެރޭގައި އިންޑިއާއަށް އެތެރެވެފައިވާ ނަމަ އެގައުމަކަށް އެތެރެއެއް ނުވެވޭނެ އެވެ.
އަދި މި އުސޫލަށް ނުކިޔަމަންތެރިވާ މީހުން ޖޫރިމަނާކުރުން ނުވަތަ ޖަލަށް ލެވޭނޭ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެ އެވެ. ޖަލު ހުކުމް ގޮތުގައި ކަނޑައަޅާފައިވަނީ ފަސް އަހަރެވެ.
އޮސްޓްރޭލިއާ ސަރުކާރުން ވަގުތީ ގޮތުން އެކުލަވާލި މި އުސޫލަށް އަމަލު ކުރަން ފަށާނީ މާދަމާ އެވެ. އުސޫލަށް އަމަލު ކުރަން ކަނޑައަޅާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވިޔަސް ހާލަތަށް ބަލައި މުއްދަތަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެވެ.
އޮސްޓްރޭލިއާގެ އެ ނިންމުމާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅު މީހުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފަޅު ކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ޖަލަށް ލައި އަދަބު ދިނުމުގެ ބަދަލުގައި އޮސްޓްރޭލިއާގައި ކޯވިޑް ކޮންޓްރޯލް ކުރަން ކަރަންޓީން ކުރުމުގެ ރަނގަޅު ނިޒާމެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް