ފުލުހުންގެ ލާއިންސާނިއްޔަތުކަން ފެނި އާންމުން "ރަތަށް"

ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މިރޭ ކުރިއަށް ދިޔަ ސުލްހަވެރި އެއްވުމުގައި ދިވެހި ފުލުހުންތަކެއް އަންހެނަކަށް އަނިޔާ ކުރުމާއެކު ގިނަ އާންމުންތަކެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެ...

01 May 2021 | 20:19

ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް މިރޭ ކުރިއަށް ދިޔަ ސުލްހަވެރި އެއްވުމުގައި ދިވެހި ފުލުހުންތަކެއް އަންހެނަކަށް އަނިޔާ ކުރުމާއެކު ގިނަ އާންމުންތަކެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެއެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އެ އަންހެން މީހާ ފަހަތަށް ބިޑި އަޅުވާފައި ބިންމައްޗަށް ވައްޓާލާފައި ބާއްވައި، މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ.

މިކަން އެތައް ބަޔަކު ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ދިވެހި ފުލުހުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށްވެސް ބުނެ ވަރަށް ގިނަބަޔަކު ވަނީ ވާހަކަދައްކާފައެވެ.

އަދި އެ މުޒާހަރާގެ ތެރެއިން ފުލުހުން ބޭނުންކޮށްފައި ވަނީ ހާލަތާއި ނުބައްދަލު ބާރު ކަަމަށް ގިނަބަޔަކު ބުނެއެވެ.

ޒުވާނުންތަކެއް އިސްވެ ބޭއްވި މި އެއްވުން ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ފުުލުހުން ބޭނުންކޮށްފައި ވެއެވެ. އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފަށް މީހުން ހައްޔަރުކޮށް، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި، ނޫސްވެރިންނަށް އައުގުރާނަ ގޮވާފައި ވެއެވެ.

މަޖީދީ މަގުގައި ކުރީގެ މާކަރީ ހޮޓާ ހުރި ސަރަޙައްދުގައި މި ހަރަކާތުގެ ޒުވާނުން އިށީނދެގެން ތިބުމުން ފުލުހުން ވަނީ އެފަރާތްތައް އެތަނުން ތެދުވުމަށް އަންގާފައެވެ. ނަމަވެސް ބައެއް ފަރާތްތައް އެތަނުން ނުތެދުވުމުން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.

އެގޮތުން އެއްވުމުގެ ބައެއް ބައިވެރިންގެ ގަޔަށް ފުލުހުން އަތްލައި، ހައްދެއް ނެތި ކަރުނަ ގޭސް ޖަހައި، ނޫސްވެރިންނަށް އަމާޒުކޮށް ހަޑިހުތުރު ބަސްތައްވެސް ވަނީ ބޭނުންކޮށްފައެވެ. އަދި އެ ސަރަޙައްދުން ވަނީ އެއްވުމުގެ 3 ބައިވެރިއެއް ވެސް ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަޙްމަދު އަޝްރަފް (ޝުންބާ ގޮންގް)ވެސް ހިމެނެއެވެ.

https://twitter.com/ihusans/status/1388543982448254977

ޝުންބާގެ އިތުރުން ދެން ހައްޔަރުކުރީ ދެ އަންހެނުންނެވެ. އެ ތަނުން އެކަކު ހައްްޔަރަށް ގެންދިޔައިރު، އޭނާގެ ބުރުގާވެސް ބޭލިފައި ވެއެވެ.

މާފަންނު ރަސްފަންނު ބީޗް ސަރަޙައްދުން ފެށި މި އެއްވުމުގެ މިއެއްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލުގައި ޢާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވައިލުމެވެ.

އެއްވުން ފެށިގެން ކުރިއަށް ދިޔަ އިރު ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ. ފުލުހުން ހުރަސްއެޅީ އެއްވުމުގެ ބައިވެރިން މަޖީދީ މަހުން ހެންވޭރަށް ހިނގަން ފެށުމުންނެވެ.

https://twitter.com/PoliceMv/status/1388573195561672706

އާންމުންގެ ފާޑުކިޔުން އަމާޒުވުމުން މިރޭގެ މުޒާހަރާގައި ހިނގާ ދިޔަ ކަންކަން ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން ވެސް ވަނީ އެކަން ބަލަމުން ދާ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް