ރާއްޖޭގައި އިންޓަނެޓްގެ އަގުތަކަށް އަންނަ ޖުލައި މަހުން ފެށިގެން ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރަން ފަށައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ރަސްމީކޮށް ސަރުކާރުން މި ކަންކަން އިއުލާނު ކުރާނެއެވެ.
ސަރުކާރުން މިކަންކަން އިއުލާނު ކުރުމުގެ ކުރިން ދާއިރާގެ ކަމާބެހޭ ފަރާތްތަކުގެ ބައްދަލުވުމެއް މިރޭ ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި އަންނަ ބައެއް ހެޔޮ ބަދަލުތަކުގެ ތަފްސީލް އެ ފަރާތްތަކަށް ހިއްސާކޮށް ހިޔާލަށް ހުޅުވާލާފައިވެއެވެ.
އެނގިފައިވާގޮތުގައި ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިދުމަތްދޭ ކުންފުނިތަކުންވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވެފައިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އިތުރު އޮޕަރޭޓަރަކަށް ފުރުސަތު ނުދޭ ގޮތަށް އަދި މި މުއްދަތަށް ފަހު އަލުން އަގުތައް ރިވިއު ކުރާ ގޮތަށެވެ.
ސަރުކާރުން ހުށަހަޅާ ގޮތަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ (ތްރޮޓުލްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ (ތްރޮޓުލްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 200 ޖީބީ (ތްރޮޓުލްގައި 25 އެމްބީޕީއެސް) އެވެ. މިއީ ފިކްސް ބްރޯޑްބޭންޑަށް އެކަނި ކަނޑައަޅާ ގޮތެވެ.
މިއީ މިހާރު ބްރޯޑްބޭންޑްގެ ހުރި އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް ދެގުނަ ހެޔޮވުމެކެވެ. އަދި ތްރޮޓުލްގައި ދެ އެމްބީޕީއެސް އާއި 25 އެމްބީޕީއެސް ސްޕީޑް ލިބޭއިރު ތުރޮޓުލްގައިވެސް މާ ބޮޑު ދަތިކަމެއްނެތި އިންޓަނެޓް ބޭނުން ކުރެވޭނެއެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމުގައިވާއިރު ކޮމިއުނިކޭޝަންސް މިނިސްޓަރު ކަމުގައި މަލީހް ޖަމާލު ހުރި އިރު އެކަން އޮތީ ނުވެއެވެ. މަލީހު މަގާމުން ބޭރުކުރަން ދެއްކި އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ. ނަމަވެސް އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން، މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހަވާލުވެ، މި ހެޔޮ ބަދަލު ގެންނަން މިހާރު މިވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް