ސިޔާސީ ބައެއް ފަރާތްތަކުން މާލޭގައި މިއަދާ މިރޭ މުޒާހިރާކޮށް އެއްވުންތައް ބާއްވަން ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބެމުން އަންނަ ކަމަށާއި ފުލުހުންނަށް ނާންގާ މުޒާހަރާ ކުރާނަމަ ހަމަ ފަށާއިރަށް ރޫޅާލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެންބުނީ ދެންމެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ “އަނިޔާވެރިކަން ނިންމުމަށް” މިނަމުގައި 2015 މޭ 1 ވަނަދުވަހު މާލޭގައި ބޭއްވި މުޒާހިރާގައި އަދި އެނޫން ނަންނަމުގައި ސިލްސިލާގޮތެއްގައި މާލޭގައި ބާއްވަމުންދިޔަ މުޒާހިރާތަކުގައި ފުލުހުންނާ ކުރިމަތިލައި، ފުލުހުންނަށް އަނިޔާކޮށް، ފުލުހުންނަށާ ސަލާމަތީ ބާރުތަކުގެ ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން ޢާއްމު ރައްޔިތުންގެ މުދަލަށާއި ނަފްސަށް ގެއްލުންލިބި ރަށުތެރޭގެ ޢާއްމު މަޞްލަޙަތު ގެއްލި އެތައްބައެއްގެ ޙައްޤުތައް ވަނީ ގެއްލިގެން ގޮސްފައި ކަމަށެވެ.
“ފުލުހުންނަށް އެނގުމަކާނުލައި އަދި ބާއްވާ އެއްވުމެއްގެ ފުރިހަމަ މަޢުލޫމާތު ފުލުހުންނަށް ހުށަހަޅައި ހުއްދަ ހޯދުމަކާނުލައި ބާއްވާ އެއްވުންތައް ފަށާވަގުތުން ހުއްޓުވާނެ ވާހަކަވެސް އެފަދަ އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކަށް މިފުރުޞަތުގައި ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެހެންކަމުން، ޤާނޫނު ނަމްބަރު 2013/1، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ)، (ށ) އާއި ޚިލާފުވާގޮތަށް، އިސްވެ ދެންނެވި އެއްވުންތައް ބާއްވާފައިވުމާއެކު، މިޤާނޫނުގެ 33 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަށްފަހު، މިމާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި، ކުރިން އެނގުމަކާނުލައި އަދި ބާއްވާ އެއްވުމުގެ ފުރިހަމަ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިޔުމަކުން އަންގައި ހުއްދަ ނުހޯދައި މުޒާހިރާތަކާ އެއްވުންތައް ބާއްވަން ފުރުޞަތު ނުދޭން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާކަމުގައި ދަންނަވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް