ޒުވާން އުމުރުގައި ކުދިން ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމުގެ ކުރިން އެކަން ހުއްޓުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭންގައި ހިމެނޭ ހުށައެޅުއްވުންތައް އާންމުކޮށް ހިއްސާކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މިކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރު ކުރެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމްއާ ޙަވާލުކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ކަރުދާސް ތައްޔާރުކުރުމުގައި ޑޮކްޓަރުންނާއި، އަދިވެސް އެނޫންވެސް ފަރާތްތަކުގެ މަޝްވަރާވެސް ހޯއްދަވަން އިރުޝާދު ދެއްވާފައި ވާނެކަމަށެވެ.
އަދި 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެ ކަމަށާއި ނަމަވެސް 40، ނުވަތަ 50 އަހަރުގެ މީހަކު އެކަމުން ދުރުވާން އުނދަގޫވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި ރައީސް ހުށައަޅުއްވާ ގޮތްތައް ހިއްސާކުރެއްވިއެވެ. އެގޮތްތަކަކީ:
- 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި އެ އުމުރުފުރާގެ ކުދިންނަށް، އެ އުމުރުން މައްޗަށް ދިއުމުން ވެސް ސިނގިރޭޓާއި ދުންފަތް މަނާވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް